"އޮޅުހިޔާ" މަރާމާތުކުރަން ބަޔަކު ހޯދަން އިއުލާނުކޮށްފި

"އޮޅުހިޔާ" މަރާމާތުކުރަން ބަޔަކު ހޯދަން އިއުލާނުކޮށްފި

Author
ހުސައިން
29 ޖެނުއަރީ 2026 02:31
0

މާލެ ސަރަހައްދުގައި އުޅޭ ބުޅާތައް ބެލެހެއްޓުމަށް ހުޅުމާލެ ފަރުކޮޅުފުށީގައި ޤާއިމުކޮށްފައިވާ ބުޅާ ފެސިލިޓީ، "އޮޅުހިޔާ"ގެ ބައެއް މަރާމާތުތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ. އެ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މަރާމާތު ކުރުމަށް ބޭނުންވަނީ އެ ފެސިލިޓީގެ އައިސޮލޭޝަން ޔުނިޓާއި، ޖެނެރަލް ހޯލްޑިންގ އޭރިއާގެ އިތުރުން ފާޚާނާއާއި އޮފީސް އަދި ސެކިއުރިޓީ ރޫމް ފަދަ ތަންތަނެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް އަންނަ މަހުގެ ތިންވަނަ ދުވަހު އޮޅުހިޔާއަށް ހާޒިރުވާންޖެހޭއިރު، އަންދާސީހިސާބު ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެ މިނިސްޓްރީ ހިންގާ ސްކައުޓް ބިލްޑިންގގެ ފަސްވަނަ ފަންގިފިލާގައެވެ.

މާލެ ސިޓީ ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ތަރައްޤީކުރި މި ފެސިލިޓީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހުޅުއްވައިދެއްވީ ނިމިދިޔަ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. ނަމަވެސް އެތަން ހިންގުން އެގްރިކަލްޗާ މިނިސްޓްރީއާ ހަވާލުކުރި ފަހުން މާލެ ސަރަހައްދުގެ ބުޅަލުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބިފައިނުވާތީ މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ ދާދިފަހުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ސިޓީ ކައުންސިލްގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، މާލެތެރެ ނަޖިސްވުމަށް ދޫކޮށްލައިގެން ތިބެވޭނެ އުޒުރެއް ސަރުކާރަށް ނުދެއްކޭނެ ކަމަށާއި، މި ފެސިލިޓީ އަލުން ކައުންސިލާ ހަވާލުކުރުމަށް ދެ ފަހަރެއްގެ މަތިން މިނިސްޓްރީގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ.

މި މަޝްރޫއުގެ ޚަރަދުތަކާ ގުޅޭގޮތުން އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މީގެ ކުރިން ވިދާޅުވެފައިވަނީ، އޮޅުހިޔާގެ ނޮން-ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.2 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށެވެ. އަދި ފެސިލިޓީގެ ޖުމްލަ ބަޖެޓަށް ބަލާއިރު އަހަރަކު 10.8 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށާއި، އެއީ ބުޅަލަކަށް މަހަކު 368 ރުފިޔާ ނުވަތަ އަހަރަކަށް 5،416 ރުފިޔާގެ ރޭޓުން ކަމަށްވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.