ހުރިހާ ރަށެއްގައި ލެބޯޓްރީ ޤާއިމުކުރުމުގެ މަސައްކަތަށް ގިނަ ޢަދަދެއްގެ ޓެކްނީޝަނުން ހޯދަން ފަށައިފި

ހުރިހާ ރަށެއްގައި ލެބޯޓްރީ ޤާއިމުކުރުމުގެ މަސައްކަތަށް ގިނަ ޢަދަދެއްގެ ޓެކްނީޝަނުން ހޯދަން ފަށައިފި

Author
ހުސައިން
28 ޖެނުއަރީ 2026 03:58
0

ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް ޤާއިމުކުރުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލުވުމަށްޓަކައި، އެ މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ގިނަ ޢަދަދެއްގެ ބިދޭސީ ލެބޯޓްރީ ޓެކްނީޝަނުން ހޯދުމަށް ހެލްތު މިނިސްޓްރީން މިއަދު އިޢުލާނުކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް ހާމަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސިއްހީ ދާއިރާއިން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އަތޮޅުތެރޭގެ ރަށްރަށުގައި ޑައިގްނޯސްޓިކް ފެސިލިޓީތައް ނުވަތަ ލެބޯޓްރީގެ ޚިދުމަތް ވަރުގަދަ ކުރެއްވުމަށެވެ. ޚާއްޞަކޮށް ކުދި އާބާދީތަކުގައި މި ޚިދުމަތް ޤާއިމުކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ފެށިއިރު ލެބޯޓްރީގެ ޚިދުމަތް ނުލިބި 76 ރަށެއް އޮތް ކަމަށެވެ. ނަމަވެސް، މި އަހަރު ނިމުމުގެ ކުރިން އެ ހުރިހާ ރަށެއްގައި ލެބޯޓްރީ ޤާއިމުކޮށް ނިންމަވާނެކަމުގެ ޔަޤީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

މި މަސައްކަތަށް އަލަށް ހޯދާ ލެބް ޓެކްނީޝަނުންނަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ޖުމްލަ 12،910 ރުފިޔާ ލިބޭނެއެވެ. އޭގެ ތެރޭގައި އަސާސީ މުސާރައިގެ ގޮތުގައި 5،610 ރުފިޔާ، ސަރވިސް އެލަވަންސްގެ ގޮތުގައި 2،500 ރުފިޔާ، އެކޮމޮޑޭޝަން އެލަވަންސްގެ ގޮތުގައި 3،000 ރުފިޔާ އަދި ކެއުމުގެ ޚަރަދަށް 1،800 ރުފިޔާ ހިމެނެއެވެ.

މި މަޝްރޫޢު ކާމިޔާބުކަމާއެކު ނިމުމުން، އާދައިގެ ޓެސްޓުތައް ހެދުމަށްޓަކައި ރަށްރަށުގެ ރައްޔިތުން މާލެއަށް ނުވަތަ އެހެން ރަށްރަށަށް ކުރަންޖެހޭ ދަތުރުތައް ހުއްޓި، ސިއްހީ ޚިދުމަތް ހޯދުމަށް ރައްޔިތުން ކުރަންޖެހޭ ބޮޑެތި ހޭދަތަކަށް ދާއިމީ ލުއިކަމެއް ލިބިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.