ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓަށް ކުރިމަތިލާ ފަރާތްތަކުން، މާލޭގައި ދިރިއުޅުނުކަން ސާބިތުކޮށްދިނުމުގެ ގޮތުން ކައުންސިލްތަކުން ދޫކުރާ ލިޔުންތައް، އެ ކައުންސިލެއްގައި ހުންނަ ރަސްމީ ރެކޯޑުތަކުން ސާބިތުނުވާނަމަ ދޫނުކުރުމަށް، ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފިއެވެ.
އެލްޖީއޭއިން ކައުންސިލްތަކަށް ފޮނުވި ސަރކިއުލާއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް އެދި ހުށަހަޅާ ފަރާތްތަކުން މާލޭގައި ދިރިއުޅުނު މުއްދަތު އެނގޭނެ ލިޔުމެއް ހޯދުމަށް ގިނަ ބަޔަކު ކައުންސިލްތަކުގައި އެދެމުންދެއެވެ. މިކަމާ ގުޅިގެން ކަންކުރަންވީ ގޮތުގެ ލަފަޔަކަށް އެދި ގިނަ ކައުންސިލްތަކަކުން އެ އޮތޯރިޓީއަށް ހުށަހަޅާފައިވާތީ، އެލްޖީއޭއިން ވަނީ އެކަމުގައި އަމަލުކުރަންވީ މިންގަނޑުތައް ކަނޑައަޅައި އަންގާފައެވެ.
އެ އޮތޯރިޓީގެ އެންގުމުގައި ވަނީ، ދައުލަތުގެ އިދާރާއަކުން ދޫކުރާ ލިޔުމެއް ބަލައިގަނެވޭނީ އެ އިދާރާއަކުން ރަސްމީކޮށް ބަލަހައްޓާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ދޫކުރާ ލިޔުމަކަށް ވާނަމަ ކަމަށެވެ. އެހެންކަމުން، ރަށު ކައުންސިލަކުން ނުވަތަ ސިޓީ ކައުންސިލަކުން ވިޔަސް، މީހަކު މާލޭގައި އުޅުނުކަމަށް ލިޔުމެއް ދޫކުރަންވާނީ އެ ކައުންސިލެއްގެ ރަސްމީ ޑޭޓާބޭސް ނުވަތަ ރެކޯޑުތަކުން އެކަން ކަށަވަރު ކުރެވޭނަމަ އެކަނި ކަމަށް އެލްޖީއޭއިން ވިދާޅުވެއެވެ. އަދި ކައުންސިލްގައި ހުންނަ މައުލޫމާތުން އެކަން ސާބިތުކޮށް ނުދެވޭނަމަ، އެފަދަ ލިޔުމެއް އެއްވެސް ފަރާތަކަށް ދޫނުކުރުމަށް އެލްޖީއޭއިން ވަނީ ކައުންސިލްތަކަށް އަންގާފައެވެ.
މީގެ އިތުރުން، ފާއިތުވި ތަނުގައި ބައެއް ކައުންސިލްތަކުން ޙަޤީޤަތާ ޚިލާފަށް ނުވަތަ ސާބިތު ނުކުރެވޭ ގޮތަށް މިފަދަ ލިޔުންތައް ދޫކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، ދޮގު މައުލޫމާތު ހިމަނައިގެން ލިޔުން ދޫކުރުމުގައި ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ކުރަމުންދާކަމަށްވެސް އެލްޖީއޭއިން ވަނީ ހާމަކޮށްފައެވެ.
އެލްޖީއޭއިން މިފަދައިން އަންގާފައިވާއިރު، ގދ. މަޑަވެލީ ކައުންސިލުން ވެސް ވަނީ އެރަށުގެ ރައްޔިތުން މާލޭގައި ދިރިއުޅުނުކަން އަންގައިދޭ ލިޔުން ދޫކުރެވެން ނެތްކަމަށް ދާދި ފަހުން ބުނެފައެވެ. އެ ކައުންސިލުން ހާމަކުރި ގޮތުގައި އެފަދަ ލިޔުމެއް ދޫނުކުރެވެނީ، މީހުން މާލޭގައި ދިރިއުޅޭ މުއްދަތާއި ގުޅޭ މައުލޫމާތަކީ އެ ކައުންސިލުން ބަލަހައްޓަމުން ގެންދާ ރެކޯޑުތަކަކަށް ނުވާތީއެވެ.
ކޮމެންޓު ފޮނުވާ