އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި ފަލަސްތީނުގެ ޣައްޒާ ތަރައްގީކުރުމަށް ގެންގުޅުއްވާ ތަސައްވުރު ނުވަތަ "މާސްޓަރ ޕްލޭން"، އެމަނިކުފާނުގެ ދަނބިދަރިކަލުން އަދި ހާއްސަ މަންދޫބު ޖެރަޑް ކުޝްނާ މިއަދު ދުނިޔެއަށް ދައްކާލައްވައިފިއެވެ. ސްވިޓްޒަލެންޑުގެ ޑާވޯސްގައި ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ޓްރަމްޕުގެ "ބޯޑް އޮފް ޕީސް" އާއެކު މި ޕްލޭން އިއުލާނުކުރައްވަމުން ކުޝްނާ ވިދާޅުވީ، މިއީ "ފްރީ މާކެޓް" އުސޫލުން ހިންގާނެ މަޝްރޫއެއް ކަމަށާއި، މި ޕްލޭންގެ ދަށުން ޣައްޒާ ފެނިގެންދާނީ އުސް އިމާރާތްތަކާއި ޒަމާނީ ވަސީލަތްތައް ހިމެނޭ ތަނެއްގެ ގޮތުގައި ކަމަށެވެ.
ގާތްގަނޑަކަށް 25 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް އަންދާޒާކުރާ މި ބިޔަ މަޝްރޫއަކީ ހަ ފިޔަވައްސަކަށް ބަހާލައިގެން، ޣައްޒާގެ ދެކުނުން ފެށިގެން އުތުރަށް ތަރައްގީކުރަމުން ގެންދާ ގޮތަށް ރާވާފައިވާ މަޝްރޫއެކެވެ. ފުރަތަމަ ފިޔަވަހީގައި ރަފަހް އާއި ޚާން ޔޫނިސްގެ ބައިތައް ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު، މެދުތެރޭ ޣައްޒާގެ ރެފިއުޖީ ކޭމްޕުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށްވެސް ވަނީ ހިމަނާފައެވެ. މި ޕްލޭންގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި އާ އެއާޕޯޓަކާއި ބަނދަރެއްގެ އިތުރުން، ލޮޖިސްޓިކްސް ކޮރިޑޯތަކާއި، ރަފަހްގައި އާ ޓްރައިލޭޓަރަލް ކްރޮސިންއެއް އެޅުމާއި ޣައްޒާގެ އާބަން ސެންޓަރުތައް ގުޅުވައިދޭ މަގުތައް ހެދުން ހިމެނެއެވެ.
މީގެއިތުރުން، "ނިއު ރަފަހް" ގެ ނަމުގައި ތަރައްގީކުރާ ސަރަހައްދުގައި އެކަނިވެސް 100،000 ހައުސިންގ ޔުނިޓާއި، 200 އަށްވުރެ ގިނަ ތައުލީމީ މަރުކަޒާއި، 75 މެޑިކަލް ސެންޓަރު ގާއިމުކުރުމަށް ވަނީ ރާވާފައެވެ. އަދި ފަތުރުވެރިކަމަށް ހާއްސަކޮށްގެން އައްސޭރިފަށުގައި 180 "މިކްސްޑް ޔޫސް ޓަވަރު" އެޅުމާއި، ސިނާއީ މަސައްކަތްތަކަށް ހާއްސަ ޒޯންތަކާއި ޑޭޓާ ސެންޓަރުތައް ގާއިމުކުރުންވެސް މި ޕްލޭންގައި ހިމެނެއެވެ. ކުޝްނާ ލަފާކުރައްވާ ގޮތުގައި މި މަޝްރޫއުތަކާއެކު 2035 ވަނަ އަހަރު އަންނައިރު ޣައްޒާގެ ޖީޑީޕީ 10 ބިލިއަން ޑޮލަރަށް އަރައި، ގޭބިސީތަކުގެ އެވްރެޖް އާމްދަނީ 13،000 ޑޮލަރަށް އިތުރުވެގެންދާނެއެވެ.
ނަމަވެސް، މި ހުވަފެނީ ޕްލޭން ހަގީގަތަކަށް ހެދުމަށްޓަކައި އެމެރިކާއިން ވަނީ ހަރުކަށި ޝަރުތުތަކެއް ކަނޑައަޅާފައެވެ. އެގޮތުން އިޒްރޭލުގެ ހަމަލާތަކުގައި ސުންނާފަތިވެފައިވާ ޣައްޒާ އަލުން އާރާސްތުކުރަން ފެށޭނީ ހަމާސް ޖަމާއަތުން ހަތިޔާރު ބަހައްޓައި، އެ ޖަމާއަތް ރޫޅާލުމުން ކަމަށް ކުޝްނާ ވިދާޅުވިއެވެ. މި އެއްބަސްވުމުގެ ދަށުން ބަރު ހަތިޔާރުތައް ވަގުތުން ދޫކޮށްލަން ޖެހޭއިރު، ސަލާމަތީ ކަންކަން ބަލަހައްޓާނީ އަލަށް އުފައްދާ ފުލުހުންގެ ފައުޖަކުންނެވެ. ހަމާސްއިން ހަތިޔާރު ދޫކޮށްލާ މީހުންނަށް އަމާންކަން ދިނުމާއި، އިޒްރޭލު ސިފައިން ވަކި ސަރަހައްދަކަށް ފަހަތަށް ޖެހުންވެސް މީގެ ތެރޭގައި ހިމެނެއެވެ.
މި މަޝްރޫއަށް ފައިސާ ހޯދުމަށް "ބޯޑް އޮފް ޕީސް" ގެ ނަމުގައި ތިން އަހަރުގެ މުއްދަތަށް ހާއްސަ ބޯޑެއް އެކުލަވާލާފައިވާއިރު، އަރަބި އަދި އިސްލާމީ ބައެއް ގައުމުތަކުން މީގައި ބައިވެރިވާން ވަނީ ނިންމާފައެވެ. ނަމަވެސް ފްރާންސް، ނޯވޭ އަދި އިނގިރޭސިވިލާތް ފަދަ ޔޫރަޕްގެ ބޮޑެތި ބާރުތަކުން ވަނީ އެކި ސަބަބުތަކާހުރެ މި ބޯޑުގައި ބައިވެރިވުމަށް އިންކާރުކޮށްފައެވެ. މި ޕްލޭނަށް ފާޑުކިޔާ ފަރާތްތަކަށް ރައްދު ދެއްވަމުން ކުޝްނާ ވަނީ، ފާޑުކިޔުމުގެ ކުރިން މަދުވެގެން 30 ދުވަސް ވަންދެން ހިމޭނުން ތިބުމަށް އެދިވަޑައިގެންފައެވެ. އަދި ވިޔަފާރިތައް ކުރިއެރުވުމަށް 3 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ފަންޑެއް ގާއިމުކޮށް، މަޝްރޫއަށް ފައިސާ ހޯދުމުގެ ބައްދަލުވުމެއް ވަރަށް އަވަހަށް އެމެރިކާގައި ބާއްވާނެކަންވެސް ވަނީ އިއުލާނުކޮށްފައެވެ.
ކޮމެންޓު ފޮނުވާ