ދީނަށް ފުރައްސާރަކުރި ކަމަށް ބުނެ 'އަދަދު’ގެ ކާޓޫނު ސެގްމަންޓު ހުއްޓާލަން އަންގައިފި

ދީނަށް ފުރައްސާރަކުރި ކަމަށް ބުނެ 'އަދަދު’ގެ ކާޓޫނު ސެގްމަންޓު ހުއްޓާލަން އަންގައިފި

Author
ޙަސަން މުޙައްމަދު
22 ޖެނުއަރީ 2026 11:10
0

’އަދަދު' ނޫހުން ގެނެސްދޭ ސިޔާސީ ކާޓޫނު ސެގްމަންޓުގައި އިސްލާމްދީނުގެ އަސާސްތަކާ ފުށޫއަރާ ކޮންޓެންޓެއް ގެނެސްދީފައިވާ ކަމަށް ބުނެ، އެ ސެގްމަންޓު ވަގުތީގޮތުން ހުއްޓާލުމަށް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފިއެވެ. އެ ކޮމިޝަނުން މިގޮތަށް އެންގީ ނަމާދުގެ ސަޖިދައިގައި އޮވެ، އިމާމު މީހާގެ ޖީބުން މީހަކު ވައްކަން ކުރާ މަންޒަރު ދައްކުވައިދޭ ކާޓޫނެއް އެ ނޫހުން ޝާއިއުކުރުމާ ގުޅިގެންނެވެ.

ކޮމިޝަނުން 'އަދަދު' ނޫހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ނަމާދުގެ ރުކުނެއް ކަމަށްވާ ސަޖިދަ، މަކަރާއި ހީލަތާ ގުޅުވައިގެން ދައްކުވައިދިނުމަކީ ދީނުގެ އަސާސްތަކާ ޚިލާފު ކަމެއް ކަމަށެވެ. އެހެންކަމުން މައްސަލަ ބަލައި ނިމެންދެން އެ ސެގްމަންޓު މެދުކަނޑާލުމަށާއި، އެ ކާޓޫނު ނެގުމަށްފަހު ފަސް ދުވަހުގެ ތެރޭގައި ޖަވާބުދާރީވުމަށް ވަނީ އަންގާފައެވެ.

މިކަމާ ގުޅިގެން 'އަދަދު' ނޫހުން ބުނީ އެ ކާޓޫނަކީ މިސްކިތްތަކުން ވައްކަންކުރުން އާންމުވެފައިވާ މިންވަރު ދައްކުވައިދިނުމަށް ޝާއިއުކުރި އެއްޗެއް ކަމަށާއި، ދީނަށް ނުވަތަ ދީނީ ޝިއާރަކަށް އިހާނެތިކޮށް ހިތުމުގެ ނިޔަތެއް އޭގައި ނެތް ކަމަށެވެ. އަދި ގާނޫނުއަސާސީގައި ބަޔާންކުރާ އިސްލާމްދީނުގެ އަސްލަކާ އެ ކާޓޫނު ޚިލާފު ނުވާކަމަށާއި، ދީނީ ކަންކަމުގައި ގޮތް ކަނޑައެޅުމަކީ ފަތުވާ މަޖިލިސް އޮއްވައި އެ ކޮމިޝަނަށް ކުރެވޭނެ ކަމެއް ނޫންކަމަށް ވެސް އެ ނޫހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.