ބ. އަތޮޅު ކައުންސިލުން މެޝިނަރީ ގަންނަން ދެއްކި 7 ލައްކަ ރުފިޔާ ނުލިބި ގެއްލިއްޖެ

ބ. އަތޮޅު ކައުންސިލުން މެޝިނަރީ ގަންނަން ދެއްކި 7 ލައްކަ ރުފިޔާ ނުލިބި ގެއްލިއްޖެ

Author
އަހުމަދު
21 ޖެނުއަރީ 2026 10:21
0

ބ. އަތޮޅުގެ ރަށްރަށުގައި ކުނި މެނޭޖްކުރުމަށް ބޭނުންވާ މެޝިނަރީޒް ހޯދުމަށް އެ އަތޮޅު ކައުންސިލުން އެޑްވާންސް ފައިސާގެ ގޮތުގައި ކުންފުންޏަކަށް ދޫކުރި ގިނަ އަދަދެއްގެ ފައިސާ އަނބުރާ ނުލިބި، އެ ފައިސާއަށް ވީނުވީއެއް ނޭނގިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

ބ. އަތޮޅު ކައުންސިލްގެ 2023 އަދި 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ކުނި މެނޭޖްކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް 4.6 މިލިއަން ރުފިޔާގެ އަގަކަށް ބަޔަކާ ހަވާލުކޮށްފައިވެއެވެ. އަދި މި އެއްބަސްވުމުގައި އެ ކުންފުންޏާއެކު ސޮއިކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހު ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބަޔާން ކޮށްފައިވެއެވެ.

ނަމަވެސް، މަސައްކަތް ނިންމަން ކަނޑައެޅި މުއްދަތު ހަމަވިއިރުވެސް ހަވާލުކުރެވުނު ކުންފުނިން މަސައްކަތް ފުރިހަމަކޮށްފައެއް ނުވެއެވެ. އަތޮޅު ކައުންސިލުން މި މަސައްކަތަށް އެޑްވާންސް ފައިސާގެ ގޮތުގައި 703،575 ރުފިޔާ އެ ކުންފުންޏަށް ދޫކޮށްފައި ވެއެވެ. އެހެންނަމަވެސް ކުންފުނިން މަސައްކަތް ނުކުރުމުން ކައުންސިލުން އެއްބަސްވުން ބާތިލުކުރި ނަމަވެސް، އެޑްވާންސްގެ ގޮތުގައި ދިން ފައިސާ އެ ކުންފުނީގެ އަތުން އަނބުރާ ހޯދިފައިނުވާކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެއްބަސްވުން ބާތިލުކުރުމަށްފަހު، އެޑްވާންސް ފައިސާ ދެ ފަހަރެއްގެ މަތިން ބަހާލައިގެން ދެއްކުމަށް ކައުންސިލުން އެންގި ނަމަވެސް ކުންފުނިން އެކަމަށް އިޖާބައެއް ނުދިނެވެ. އެހެންކަމުން މައްސަލަ ޝަރީއަތަށް ހުށަހަޅަން ކައުންސިލުން ނިންމުމުން، ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް އެދި ކުންފުނިން ވަނީ ހުށަހަޅާފައެވެ. އަދި މެޝިންތަކުގެ ބާކީ ފައިސާ ހަމަޖެހިފައިވުމާއެކު މެޝިންތައް ގެނެސް ހަވާލުކުރުމަށް 50 ދުވަހުގެ މުއްދަތެއް ދިނުމަށާއި، ފައިސާ ދައްކާނެ ކަމުގެ ގެރެންޓީއެއްގެ ގޮތުގައި 20،000 ރުފިޔާ ކައުންސިލް އިދާރާއަށް ޖަމާކޮށްފައިވާކަމަށް 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު އެ ކުންފުނިން ވަނީ އަންގާފައެވެ.

މިހެން ނަމަވެސް، ނިމިދިޔަ 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 28 ވަނަ ދުވަހާ ހަމައަށްވެސް ކައުންސިލަށް އެ ފައިސާ ލިބިފައިނުވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. މިކަމާ ގުޅިގެން އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައިވަނީ އެޑްވާންސްގެ ގޮތުގައި ދޫކުރި ފައިސާ ހޯދުމުގެ ކަންކަން ކޯޓު މެދުވެރިކޮށް ކުރިއަށް ގެންދިއުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.