ކަރާޗީގެ ގުލް ޕްލާޒާގައި ހިނގިނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް ޕާކިސްތާނަށް ތައުޒިޔާ ފޮނުއްވައިފި

ކަރާޗީގެ ގުލް ޕްލާޒާގައި ހިނގިނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް ޕާކިސްތާނަށް ތައުޒިޔާ ފޮނުއްވައިފި

Author
އަލީ ރައޫފް
21 ޖެނުއަރީ 2026 03:13
0

ޕާކިސްތާނުގެ ކަރާޗީގައި ހުންނަ ގުލް ޕްލާޒާގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝާހްބާޒް ޝަރީފަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ހިތާމަވެރި ހާދިސާގެ ސަބަބުން ގެއްލުން ލިބުނު އާއިލާތަކުގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާކަން ހާމަކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޕާކިސްތާނުގެ ބޮޑުވަޒީރަށާއި ސަރުކާރަށް އަދި ރައްޔިތުންނަށް އިޚްލާސްތެރި ތައުޒިޔާ ދަންނަވާފައިވެއެވެ. މީގެއިތުރުން، މި ހާދިސާގައި ޒަހަމްވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށާއި، ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނުގެ މެސެޖުގައި ބަޔާންކުރައްވާފައިވެއެވެ.

އާބާދީގައި 18 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ ކަރާޗީގެ ގުލް ޕްލާޒާ ޝޮޕިންގ މޯލްގައި މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ގިނަ އަދަދެއްގެ ފިހާރަތައް ހުންނަ މި އިމާރާތުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވިއިރު، މީހުން ސަލާމަތްކުރުމާއި ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން އަދިވެސް ދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ. މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ އިދާރާގެ އިސްވެރިޔާ މުހައްމަދު އަމީން ވިދާޅުވި ގޮތުގައި، މި ހާދިސާގައި މިހާތަނަށް ކުޑަކުއްޖަކު ހިމެނޭހެން 21 މީހުން ވަނީ މަރުވެފައެވެ.

މި ހާދިސާގެ ގެއްލުންތަކާ ގުޅޭގޮތުން ޕާކިސްތާނުގެ ސިންދު ޕްރޮވިންސްގެ ޗީފް މިނިސްޓަރު މުރާދް އަލީ ޝާހު މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހާދިސާއާ ގުޅިގެން 70 މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ. އަދި އަލިފާނުގެ ސަބަބުން އެކި ވަރުގެ އަނިޔާތައް ލިބުނު 22 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އެމީހުންގެ ހާލު ރަނގަޅުވުމުން މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.