ފުލުހުންގެ އާ ޤާނޫނު: ރިޓަޔާކުރުމާއި، ވަޒީފާއިން ވަކިރުން ސިޔާސީ ބަދަކު ހިފުމަކަށް!

ފުލުހުންގެ އާ ޤާނޫނު: ރިޓަޔާކުރުމާއި، ވަޒީފާއިން ވަކިރުން ސިޔާސީ ބަދަކު ހިފުމަކަށް!

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތަސްދީޤު ކުރެއްވި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލުގައި ވަރަށް ގިނަ ބައިތަކެއް ހިމަނައި، މުޅިން އާ ޤާނޫނެއް ވަނީ ވުޖޫދުކޮށްފައެވެ.

ސަރުކާރު ހިން ގާ މައިޕާޓީ އެމްޑީޕީން ބުނެފައިވަނި މިބިލަކީ ދިވެހި ފުލުހުންގެ ޚިދުމަތްތައް މިއިން ޒަމާނަކު ތަރައްޤީ ނުކުރެވޭ މިންވަރަށް ތަރައްޤީކޮށް، ފުލުހުންގެ ޚިދުމަތަށް ބޮޑެތި ބަދަލު ތަކެއް ގެނުވާނެ އުންމީދީ ބިލެއް ކަމުގައެވެ. ނަމަވެސް ބިލުގައިވާ ވަކިވަކި މާއްދާތަކުގެ ތެރެއިން ފުލުހުން ވަޒީފާއިން ވަކި ކުރުމާއި، ފުލުހުންގެ ވަޒީފާގައި އެތައް އަހަރަކު ޚިދުމަތް ކުރައްވާފައިވާ ޚިދުމަތްތެރިން ވަޒީފާއިން ރިޓަޔާ ކުރެއްވޭނެ ގޮތްތައް ވަނީ ބިލުގައި ކަނޑައަޅުއްވާފައެވެ.

ބިލުގައި މިމާއްދާތައް ހިމަނާފައިވާ ސަބަބު އެންމެ ބޮޑަށް ސާފުވެގެން ދިޔައީ ފުލުހުންގެ ވަޒީފާގައި 20 އަހަރު ޚިދުމަތް ކުރެއްވުމަށްފަހު ވަޒީފާއިން ރިޓަޔާ ކުރެއްވި ޑރ.އަބްދުﷲ ފައިރޫޝްގެ ރިޓަޔާމަންޓާއިއެކުގައެވެ. ފައިރޫޝް ރިޓަޔާ ކުރެއްވުމާއި ގުޅިގެން މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފައިރޫޝްއަށް ރިޓަޔާ ނުކުރެވޭނެކަމަށް ބުނެ މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ހުށަހަޅުއްވާފައެވެ. ނަމަވެސް މައްސަލަ މަޖިލީހަށް ހުށަހެޅުއްވި އިރު ފައިރޫޝްވަނީ އޮސްޓްރޭލިއާއަށް ވަޑައިގެންފައެވެ.

ފުލުހުންގެ އާ ޤާނޫނުން ރިޓަޔާ ކުރެއްވޭ ގޮތް: 

ފުލުހުންގެ އާގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވިއިރު، މިގާނޫނަށް ގެނެސްފައިވާ ބޮޑެތި ބަދަލުތަކުގެ ތެރެއިން އެންމެ ބޮޑެތި ބަދަލުތަކެއް އައިސްފައިވާ އެއްބަޔަކީ ޚިދުމަތުގައި ދެމި ތިއްބެވި ފުލުހުން މާގާމުން ރިޓަޔަރ ކުރައްވާ އުސޫލުތަކެވެ.

މިގޮތުން، ޚިދުމަތުގައި ހުންނަވާ ފުލުހެއްގެ ސިއްޙީހާލަތުގެ ސަބަބުން، ރިޓަޔަރ ކުރަންޖެހޭ ކަމަށް، ހަދާ އެސެސްމަންޓުން ދެއްކި ކަމުގައިވި ނަމަވެސް، އެފުލަހަކު މަގާމުން ރިޓަޔަކުރުމުގެ އިޚްތިޔާރު ލިބިގެންދަނީ، ކޮމިޝަނަރ އޮފް ޕޮލިސް އެކަމަށް ހުއްދަ ދެއްވައިފި ނަމައެވެ.

އަލަށް ފާސްކުރި ޕޮލިސް ގާނޫނުގެ މިމާއްދާގައި ބުނާގޮތް ތިރީގައި ބަޔާން ކޮށްފައި މިވަނީއެވެ.

– (ހ) ފުލުހެއްގެ ވަޒީފާގައި ހުރެވޭނެ އެންމެ ދޮށީ ޢުމުރަކީ، 60 (ފަސްދޮޅަސް) އަހަރެވެ.

– (ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ފުލުހުންގެ ޚިދުމަތުގައި ހުރި މީހަކީ ޚިދުމަތުގައި 20 (ވިހި) އަހަރު ހޭދަކޮށްފައިވާ މީހެއް ކަމަށްވެފައި، ޞިއްޙީ ސަބަބަކަށްޓަކައި އޭނާގެ މަޤާމުގެ ވާޖިބު އަދާކުރެވެންނެތް މީހެއް ކަމުގައި މި ޤާނޫނުގެ ދަށުން ހަދާ އެސެސްމަންޓަކުން ފެނިއްޖެނަމަ، ވަޒީފާއިން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރަން އޭނާއަށް އިޚްތިޔާރު ކޮމިޝަނަރ އޮފް ޕޮލިސްއަށް ލިބިގެންވެއެވެ.

– (ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ އެސެސްމަންޓް ހެދުމުގައި ޢަމަލުކުރާނެ އުސޫލުތައް، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އޭނާގެ އެންގުމުގެ ބާރާއި ބަޔާންކުރަންވާނެއެވެ.

ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވެވޭނެ ހާލަތް:

ފުލުހުންގެ އާގާނޫނުގެ ހަގީގީ މަގުސަދަކީ ފުލުހުންގެ ޚިދުމަތް އިތުރަށް ތަރައްގީކޮށް ކުރިއެވުންކަމުގައި، މަޖިލިސް ބައެއް މެމްބަރުން ވިދާޅުވަމުން ގެންދެވިނަމަވެސް، މި ގާނޫނުގެ ހަގީގީ މަގްސަދާ ގުޅޭގޮތުން ގިނަ ބަޔަކުން ސުވާލު އުފައްދަން ފަށާފައިވަނީ، އޭސީޕީ ފައިރޫޝް ދާދިފަހުން ރިޓަޔަރ ކުރެއްވުމާ ގުޅިގެން، އެމްޑީޕީގެ އިސްސަފުގައި ތިއްބެވި ގިނަބަޔަކު، އޭނާއަށް ފާޑުކިޔަން ފެށި ހިސާބުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައ ފައިރޫޝްގެ ރިޓަރަމަންޓަކީ، މީގެ 6 މަސްދުވަހުގެ ކުރިން، ފުލުހުންގެ ޚިދުމަތުން ރިޓަޔަރް ކުރައްވަން ނިންމަވާ، މިއަހަރުގެ ޖެނުއަރީމަހު 2 ވަނަ ދުވަހު ރިޓަޔަރ ކުރައްވަން ސީޓިވެސް ހުށަހަޅުއްވާ ދުރާލާ ތައްޔާރުވެެން ވަޒީފާއިން ވަކިވެވަޑައިގަތް ގަތުމެކެވެ. އަދި އާއިލާވެސް ވަނީ ކުރިން އޮސްޓްރޭލިއާއަށް ހިޖުރަ ކޮށްފައެވެ.

އެހެންނަމަވެސް ގަބޫލު ކުރެވޭ ގޮތުގައި، ފައިރޫޝްގެ ރިޓަރަމަން ވެގެންދިޔައީ އެމްޑީޕީގެ ރައީސް ނަޝީދުއަށާއި އަދި މިނޫނަސް އިސްސަފުގައި ތިއްބެވި ގިނަ ބޭފުޅުންނަށް ލިބިގެން ދިޔަ ސިހުމަކަށެވެ.

ގަބޫލުކުރެވޭ ގޮތުގައި ފައިރޫޝްގެ ރިޓަޔަރމަންޓް ވެގެންދިޔައީ، ރައީސް ނަޝީދަށް ލިބިގެން ދިޔަ ކުއްލި ސިހުމަކަށް

އަދި ފަހުން، ފައިރޫޝް މަގާމުން ވަކިވެ، އޮސްޓްރޭލިއާއަށް ފުރާވެސް ވަޑައިގެންފައި ވަނިކޮށް، ރައީސް ނަޝީދު މިމައްސަލަ މަޖިލީހުގެ 241 ކޮމިޓީއަށް އުށަހެޅުއްވުމުން، ފުލުހުންގެ ރިޓަޔަރމަންޓަށް އަމާޒުކޮށް އާގާނޫން ގެނެސްފައިވާ ބޮޑެތި ބައެއް އިސްލާހުތަކާ ދޭތެރޭ ގިނަބަޔަކަށް ވަރަށް ބޮޑަށް ތަފާތު ނަޒަރަކުން ބަލަން މަޖުބޫރު ވެގެން ދިޔައެވެ.

މިގޮތުން، ފުލުހުން މަގާމުން ރިޓަޔަރ ކުރެވޭނެ ގޮތްކަމަށް އާގާނޫނުގައި ބަޔާން ކޮށްފައިވާ މާއްދާއަށް ދުރުމިއަޅާ ރަގަޅަށް ނަޒަރު ހިންގާލާއިރު، ފާހަގަ ވާން އޮތް އެތައްކަމެއް އެބައޮތެވެ.

ކުށެއް ކޮށްފައިވާކަން ދުވަހަކު ސާބިތުވެފައި ނެތަސް، ކުށުގެ ހަމައެކަނި ތުހުމަތެއް އޮތަސް، އަދި އެފަދަ ތުހުމަތެއް ކުރެވޭނެ ފަދަ ހާލަތެއްހާ މިންވަރު ކިރިޔާ ވުޖޫދު ވެފައި އޮތް މީހަކު ކަމުގައިވި ނަމަވެސް، އެމުވައްސާއިން ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރުމުގެ ފުރުސަތު ގެއްލިގެން ދެއެވެ.

ފުލުހުން ޚިދުމަތުން ރިޓަޔަރ ކުރެވޭނެކަމަށް ގާނޫނުގެ މިމާއްދާގައި ބުނަނީ ތިރީގައި މިވާގޮތަށެވެ.

– މިޤާނޫނުގެ 114 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފުލުހުންގެ ވަޒީފާއިން ވަކިކުރާ މީހުންނާއި، ފުލުހެއްގެ މަޤާމުގައިހުރެ ކުރިކަމެއްގެ ސަބަބުން އޭނާއާމެދު އެޅިދާނެ ތައުދީބީ ފިޔަވަޅަކުން ސަލާމަތްވުމަށްޓަކައި ފުލުހުންގެ ޚިދުމަތުން ވަކިވާ މީހުން ފިޔަވައި، ފުލުހުންގެ ވަޒީފާއިން އަމިއްލަ އިޚްތިޔާރުގައި، އެއްވެސް ތައުދީބީ މައްސަލައެއް އުފުލިފައިނެތް ޙާލަތުގައި، އަދި އެފަދަ މައްސަލައެއް އުފުލުމުގެ ޙާލަތުވެސް އުފެދިފައިނެތި، ވަކިވާ ކޮންމެ މީހަކީ، ޝަރަފުވެރިކަމާއެކު ފުލުހުންގެ ވަޒީފާއިން ވަކިވާ މީހެކެވެ.

ފުލުހުންގެ އާ ގާނޫނުގެ މިމާއްދާއަށް މިއަދު ނަޒަރު ހިންގާ، ތަފާތު ނަޒަރަކުން ދެކޭމީހުން މިއަދު ބުނަމުންދަނީ، މިއީ ވަކި ބައެއްގެ ކިބައިން ބަދަލު ހިފުމުގެ ރޫހުގައި، ފަރުމާ ކޮށްފައި އޮތް މާއްދާއެއް ކަމުގައެވެ.

ފުލުހަކު މަޤާމުން ވަކިކުރުން: 

ފުލުހުންގެ އާގާނޫނުގައި ފުލުހަކު މަގާމުން ވަކުކުރުމުގެ އިޚްތިޔާރު އުސޫލުތަކެއްގެ ދަށުން ހޯމް މިނިސްޓަރަށް ލިބިދީފައި ވެއެވެ. އުސޫލެއްގެ ގޮތުން، ފުލުހަކު ވަޒީފާއިން ވަކިކުރުމުގެ ބާރު، އުސޫލުތަކެއް ތެރެއިން ވަޒީރަށް ލިބިދީފައި އޮތުމުގައި މާބޮޑު މައްސަލައެއް ފެންނާން ނެތްނަމަވެސް، ފުލުހުން ވަޒީފާއިން ވަކިކުރަންޖެހޭ ގަވާއިދު މިގާނޫނު ތަަސްދީގު ކުރުމާއެކު ފުލުހުންގެ މުވައްސަސާއިން ހަދަން ޖެހެއެވެ.

އެހެންކަމުން، މިހާރުގެ ފުލުހުންގެ މުވައްސަސާއިން، މިއުސޫލު ހަދާ އާންމު ކުރެވިގެންދާއިރު، މިއުސޫލު އޮންނާނެ ގޮތަކާ ގުޅޭގޮތުން، މިހާރުވެސް އެތަކެއް ފުލުހުންނެއްގެ މެދުގައި ކަންބޮޑުވުންތައް ހުރިކަން ފާހަގަ ކޮށްލެވެއެވެ. ކުށެއް ކޮއްފައިވާ ކަމުގެ ތުހުމަތު ކުރިން ކުރެވިފައި ތިބި ފުލުހުންނާއި، އަދި ވަކީން ޚާއްސަކޮށް، ބައާވާތްކޮށްފައިވާ ކަމަށް އެމްޑީޕީގެ ރައީސް ނަޝީދު ތުހުމަތު ކުރައްވާ، އަތައް ޒަމާންތަކެއްވަންދެން މިމުވައްސަސާއަށް ޚިދުމަތް ކޮށްފައިވާ ފުލުހުންވެސް، މިހާރުވެސް މިމުވައްސަސާގެ އިސްމަގާމްތަކުގައި ތިއްބެވުމުގެ ސަބަބުން، މިހުރިހާ ބޭފުޅުންގެ ޚިދުމަތަށާއި އަދި ވަޒީފާއަށް ވެގެންދާނެ ގޮތްތަކާ ގުޅޭގޮތުން އުދާސްތައް އިންތިހާއަށް ހުރިކަމުގައި ބައެއް ފަރާތްތަކުން ވިދާޅުވަމުން ގެންދަވައެވެ.

އަލަށް ފާސްކުރެވުނު ގާނޫނުގައި ވާގޮތުން ފުލުހުން މަގާމުން ވަކިކުރުންވެސް ސިޔާސީ ވެގެން ހިގައިދާނެކަމުގެ ބިރުވަނީ ހީވެފަ

އަލަށް ފާސްކުރެވުނު ފުލުހުންގެ ބިލުގައި ފުލުހުން ވަޒީފާއިން ވަކިކުރެވޭނޭ ގޮތް ބަޔާން ކޮށްފައިވަނީ ތިރީގައި މިވާ ފަދައިންނެވެ.

(ހ) ފުލުހެއްގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ ނުވަތަ އިދާރީ ކުށަކާ ގުޅިގެން ނުވަތަ ޤާނޫނާ ޚިލާފަށް ޢަމަލެއްކޮށްފިކަމަށް ތުހުމަތުކުރެވިގެން ހިންގޭ ތަޙްޤީޤަކުން ހޯދާ ހޯދުންތަކާއި، ލިބޭ ހެއްކާއި ޤަރީނާއަށް ބަލައި، އެ ފުލުހެއްގެ މައްޗަށް ހުށަހެޅިފައިވާ ޑިސިޕްލިނަރީ އަދި އިދާރީ ކުށް ސާބިތުވާކަމަށް ނުވަތަ ފުލުހުންގެ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަމަށް މަދަނީ މިންގަނޑުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ސާބިތުވެއްޖެނަމަ އެ ފުލުހަކު ވަޒީފާއިން ވަކިކުރުމުގެ ބާރު ވަޒީރަށް ލިބިގެންވެއެވެ.

(ށ) ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރ ފިޔަވައި، ދެންތިބި މުވައްޒަފުން ޚިދުމަތުން ވަކިކުރެވޭނެ ޙާލަތްތަކާއި އުސޫލުތައް އެކުލެވިގެންވާ ގަވާއިދެއް މި ޤާނޫނުގެ ދަށުން ކޮމިޝަނަރ އެކުލަވާލައި ޢާންމުކުރަންވާނެއެވެ. މިގޮތުން ހަދާ ގަވާއިދުގައި ފުލުހުންނާއި ޕޮލިސް ސްޓާފުންނަށް ތަފާތު ގޮތްތަކެއް ކަނޑައެޅިދާނެއެވެ.

(ނ) ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރ ފުލުހުންގެ ޚިދުމަތުން ވަކިކުރުމުގައި ޢަމަލުކުރާނީ، މި ޤާނޫނުގެ 56 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

ފުލުހުންގެ ޤާނޫނުގައިވާ މިމައްދާއަށް އެކަނި ބަލައިލުމުންވެސް، ފުލުހުންގެ ތެރޭގައި ތިބި އެތައް ފުލުހަކަށް ވަނީ ވަޒީފާގެ ބިރު ކުރިމަތިވެފައެވެ.

މިމާއްދާތަކުގެ ދަށުން ފުލުހުންގެ ވަޒީފާއިގައި ތިއްބެވި ފުލުހުންގެ ތެރެއިން ރައީސް ނަޝީދު ވެރިކަން ނިމިދިޔަ ދުވަހު މަގުތަކަށް ނިކުތް ފުލުހުންނަށް ވަޒީފާގައި ދެމި ތިބެވިދާނެ ކަމާއިމެދު ސުވާލު ވަނީއުފެދިފައެވެ. އަދި ފުލުހުންގެ ތެރޭގައި އަލުން އަނެއްކާވެސް ބޮޑެތި ތަހުގީގު ކުރެވި ފުލުހުންގެ މުވައްސަސާގެ ތެރޭގައި ބޮޑެތި ޚިޔާލު ތަފާތު ވުންތަކެއް އުފެދުމަކީވެސް މިޤާނޫނުގެ ތެރެއިން ވުން ގާތްކަމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *