ތަރިންގެ ޓީމު ވާދޫއިން ހޯނޑެއްދޫ ބަލިކޮށް ގދ. އަތޮޅުގެ ތަށި އުފުލާލައިފި

ތަރިންގެ ޓީމު ވާދޫއިން ހޯނޑެއްދޫ ބަލިކޮށް ގދ. އަތޮޅުގެ ތަށި އުފުލާލައިފި

Author
ހުސައިން
19 ޖެނުއަރީ 2026 11:24
0

ރާއްޖޭގެ ފުޓްސަލްގެ ގަދަބާރެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ގދ. ވާދޫއިން، ފޯރިގަދަ ފައިނަލެއްގައި ހޯނޑެއްދޫ ބަލިކޮށް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ގދ. އަތޮޅުގެ ޗެމްޕިއަންކަން ކާމިޔާބުކޮށްފިއެވެ. ވާދޫއިން މި ތަށި ކަށަވަރުކުރީ ފައިނަލް މެޗުގައި ހޯނޑެއްދޫގެ މައްޗަށް 4-6 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

ރާއްޖޭގެ ފުޓްސަލްގައި އެންމެ ވިދުންގަދަ އަދި އަގުބޮޑު ކުޅުންތެރިންތަކެއް ހިމެނޭ ވާދޫ ޓީމުން މި މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައިވެއެވެ. ޓީމުގައި ހިމެނޭ ފާހަގަކޮށްލެވޭ ތަރިން ކަމަށްވާ، ފުޓްސަލް ރަސްގެފާނު އަޙްމަދު އަޔާޒް (އަޔާ)، މުޙައްމަދު އިޔާދު އަލީ، މުޙައްމަދު ނާއިލް (އެއްޑަ) އަދި މުސައްނިފު މުހައްމަދު (މުއްސެ) ފަދަ ކުޅުންތެރިންގެ ހުނަރުވެރިކަން މުޅި މުބާރާތުގައިވެސް ފެނިގެންދިޔައެވެ. ފައިނަލް މެޗުގައި ވާދޫއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އަޔާޒް އާއި ނާއިލްގެ އިތުރުން މުސައްނިފް އަދި ޔަޒްދާން އިބްރާޙީމެވެ. މީގެ ތެރެއިން އަޔާޒް އާއި ނާއިލް، މިއިން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖަހައިދިންއިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީވެސް އަޔާޒްއެވެ. ހޯނޑެއްދޫ ޓީމުން މި މެޗުގައި ޖެހި ލަނޑުތައް ކާމިޔާބުކޮށްދިނީ އިސްމާއިލް މަމްދޫޙާއި މުޙައްމަދު އިއުފާފް އަބްދުﷲ އެވެ.

މި އަހަރުގެ މުބާރާތުގެ ގދ. އަތޮޅު ބުރުގައި ޖުމްލަ ހަ ޓީމު ވާދަކޮށްފައިވާއިރު، މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ވާދޫ ފައިނަލަށް ދަތުރުކުރީ ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބުކޮށްގެންނެވެ. ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކޮށް، ފައިނަލުގެ ޖާގަ އެޓީމުން ކަށަވަރުކުރީ ފިޔޯރީއާ ވާދަކޮށް 1-6 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެގެންނެވެ.

އަތޮޅު ބުރުގެ ކުޅުން ނިމުނުއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑު (ޓޮޕް ސްކޯރަރ) ހާސިލުކޮށްފައިވަނީ ޗެމްޕިއަން ވާދޫ ޓީމުގެ މުސައްނިފެވެ. މިއީ އަތޮޅު ފެންވަރުގައި ވާދޫއިން ހޯދި ބޮޑު ކާމިޔާބީއެއް ކަމުގައިވާއިރު، އެޓީމުން ދެން ތައްޔާރުވާނީ ޒޯން ބުރުގައި ވާދަކުރުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.