ސްޕެއިންގެ ދެކުނު ސަރަހައްދުގެ ކޯޑޯބާ ކައިރީގައި ދެ ރޭލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ޕޭރެޒް-ކަސްތެހޯންއަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. އިއްޔެގެ އިރުއޮއްސި 7:45 ހާއިރު ހިނގި މި ހިތާމަވެރި ހާދިސާގައި މިހާތަނަށް 39 މީހުން މަރުވެފައިވާކަން ކަށަވަރުވެފައިވާއިރު، އިތުރު 100 އެއްހާ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ރިޕޯޓުތަކުން ދައްކައެވެ.
މި ޚަބަރާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ގިނަ އަދަދެއްގެ ބައެއްގެ ފުރާނަ ގެއްލިގެން ދިޔަ މި ހާދިސާގެ ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމައާއެކު ކަމަށް ވިދާޅުވެފައިވެއެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ސްޕެއިންގެ ސަރުކާރަށާއި ރައްޔިތުންނަށް އަދި ވަކިން ޚާއްޞަކޮށް މި ހާދިސާގައި މަރުވި ފަރާތްތަކުގެ ޢާއިލާތަކަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.
މީގެއިތުރުން، މި އެކްސިޑެންޓުގައި ޒަޚަމްވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށާއި، މި ކާރިސާއިން އަރައިގަތުމަށް ސްޕެއިންގެ ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސްގެ މެސެޖުގައި ބަޔާންކުރައްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ