ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިތާ 24 ގަޑިއިރު ނުވަނީސް 500 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބިއްޖެއެވެ. ހައުސިންގ މިނިސްޓްރީން ހާމަކުރި ގޮތުގައި އިއްޔެ މި ފުރުސަތު ހުޅުވާލި ފަހުން، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފްލެޓަށް އެދި 399 އެޕްލިކޭޝަން އަދި ބިމަށް އެދި 199 އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން، އެޕްލިކޭޝަން ފުރިހަމަ ކުރުމުގެ މަރުހަލާ ނުވަތަ ޑްރާފްޓް ސްޓޭޖުގައި 3،836 އެޕްލިކޭޝަން ވާކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
މި މަޝްރޫއުގެ ދަށުން ބިމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަހަރުގެ މާޗް މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފްލެޓަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ކުރިމަތިލެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ސްކީމަށް އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ "ހިޔާވަހި ޕޯޓަލް" މެދުވެރިކޮށެވެ.
ބިން ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލަށް ބަލާއިރު، މާލޭގެ ރަށްވެހިންނަށް ޖުމްލަ 10،000 ބިން ދޫކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރެއިން 7،000 ބިން ޚާއްސަކޮށްފައިވަނީ އުފަންވީއްސުރެ މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ތިބި މީހުންނަށެވެ. މާލޭ ރަށްވެހިންގެ ދަފްތަރުގައި ޖެހިފައިވާ މީހުންނަށް 1،000 ބިން ކަނޑައަޅާފައިވާއިރު، ފަހުން މާލޭ ގެއެއްގެ ރަޖިސްޓަރީއަށް ބަދަލުވެފައިވާ މީހުންނަށް 2،000 ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3،000 ބިން ދޫކުރާއިރު، މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމްވެފައިވާ މީހުންނަށް 500 ބިން އަދި މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން ތަރައްޤީކުރުމަށް ދަތިވާ ގޯތިތައް ދޫކޮށްލާ ފަރާތްތަކަށް 1،500 ބިން ދޫކުރުމަށްވެސް ވަނީ ނިންމާފައެވެ.
ހައުސިންގ ޔުނިޓް ނުވަތަ ފްލެޓް ދޫކުރުމަށް ކަނޑައަޅާފައިވާ ގޮތަށް ބަލާއިރު، މާލޭގެ ރަށްވެހިންނަށް 4،000 ޔުނިޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި މާލޭ ގެއެއްގެ ރަޖިސްޓަރީގައި ތިބި މީހުންނަށް 2،200 ޔުނިޓާއި، ވިލިނގިލީ ރަޖިސްޓަރީގައި ތިބި މީހުންނަށް 300 ޔުނިޓް ހިމެނެއެވެ. އަދި ދަފުތަރުގައި ރަޖިސްޓަރީވެފައިވާ މީހުންނަށް 1،000 ފްލެޓް ޚާއްސަކުރެވިފައިވާއިރު، ފަހުން މާލޭ ރަޖިސްޓަރީއަށް ބަދަލުވި ފަރާތްތަކަށް 500 ފްލެޓް ދޫކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން މާލޭގައި ރަށްވެހިވެފައިނުވާ ނަމަވެސް މާލޭގައި ދިރިއުޅޭ މީހުންނަށް 1،500 ފްލެޓް ދޫކުރުމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި ބިޔަ މަޝްރޫއުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދާއި ރަސްމާލެ ހިމެނޭހެން ޖުމްލަ 7،900 ހައުސިން ޔުނިޓާއި 15،000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.
ކޮމެންޓު ފޮނުވާ