އަބްދުއްރަހީމަކީ ސިޔާސީ ގޮތުން ދައްކާ ބިރަކަށް ފަހަތަށް ޖެހޭނެ ބޭފުޅެއްނޫން: އިދިކޮޅު

އަބްދުއްރަހީމަކީ ސިޔާސީ ގޮތުން ދައްކާ ބިރަކަށް ފަހަތަށް ޖެހޭނެ ބޭފުޅެއްނޫން: އިދިކޮޅު

Author
މުޙައްމަދު ޝަޒައިމް
10 ޖެނުއަރީ 2021 01:24
0

އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ސިޔާސީ ގޮތުން ދައްކާ ބިރަކަށް ފަހަތަށް ޖެހޭނެ ބޭފުޅެއްނޫންކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާއި ޙަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ގުޅޭ ގޮތުން، ހަޑިހުތުރު އެއްޗެއް ކިއުމާއި ހަޑިހުތުރު ބަސް ބޭނުން ކުރިކަމަށް ބުނެ ސަރުކާރުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގެ އަޑުއެހުމެއް އެކޯޓުގައި މިމަހުގެ 31 ވަނަ ދުވަހަށް ތާވަލް ކޮށްފައިވާކަން ހާމަކޮށް އެކޯލިޝަނުނުން ބުނެފައިވަނީ މިއީ ސިޔާސީ ގޮތުން ބިރު ދެއްކުމަށް ކުރާ ސިޔާސީ ދައުވާއެއް ކަމަށެވެ.

ކޯލިޝަންގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންވާ ބޭފުޅުންނާއި ކޯލިޝަނަށް ނިސްބަތްވެވަޑައިގަންވާ ބޭފުޅުންނާ ގުޅޭ ގޮތުން ތަފާތު ވައްތަރުގެ މައްސަލަތައް އުފައްދާ ދައުވާ ކުރުމަށް ކޯޓުތަކަށް ހުށަހަޅަމުން ގެންދަނީ މިސަރުކާރު ބަލިކަށިވެ ރައްޔިތުންގެ ތާއީދު ގެއްލި ރައްޔިތުންގެ ނަފްރަތު އިތުރުވެ ހަދާނެ ނަހަދާނެ ގޮތެއް ނޭނގޭ ހިސާބަށް ކަންކަން ދިއުމުންކަމަށް އިދިކޮޅުން ބުނެއެވެ. އަދި މިވަގުތު ޖުޑީޝަރީގައި އޮތް ސަރުކާރުގެ މެޖޯރިޓީ ބޭނުންކޮށްގެން ކޯޓުތަކަށް ސިޔާސީ ނުފޫޒު ފޯރުވައިގެން މިކޯލިޝަންގެ ވެރިންނާއި ޢާންމު މެންބަރުންނަށް ތަފާތު ދައުވާތައްކޮށް ޙުކުމް ކުރުމުގެ މަސައްކަތްތައް ސަރުކާރުން ކުރިއަށް ގެންދަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކޯލިޝަނަށް ލިބިގެންދާނެ ބޮޑު ކާމިޔާބީ ތަޞައްވުރު ކުރެވޭތީ ކޯލިޝަން ބަލިކަށިކޮށް ބައިބައިކުރުމުގެ މަޤްޞަދުގައި ކަމަށެވެ.

ތިފަދަ ތާކުން ތާކު ނުޖެހޭ ކަންކަން ކޮށްގެން މިކޯލިޝަން ބަލި ކުރެވިދާނެކަމަށް ހީކުރުމަކީ ވަރަށް ބޮޑު ކުށްހީއެއް. މިފުރުޞަތުގައިވެސް އެފަދަ ތާކުން ތާކު ނުޖެހޭ ފިނޑި ކަންކަން ކުރުން ހުއްޓާލުމަށާއި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މިނިވަން ކުރުމަށާއި، ކޯޓުތަކަށާއި ޖުޑިޝަރީއަށް އަތްބާނައިގެން ކޯޓުތަކަށް ފޯރުވަމުން ގެންދާ ސިޔާސީ ނުފޫޒުން ކޯޓުތައް މިނިވަންކޮށް އަދި ކައުންސިލްތަކުގެ އިންތިޚާބު އަވަސްކުރުމަށްވެސް ގޮވާލަން.

– އިދިކޮޅު ބަޔާނުގައި ވެއެވެ.

އިދިކޮޅުން ބުނެފައިވަނީ މިވަގުތު ކޯލިޝަން ހިންގުމާއި ޙަވާލުވެ ހުންނެވި ޢަބްދުއްރަޙީމް ޢަބްދުﷲ އަކީ ސިޔާސީ ގޮތުން ދައްކާހާ ބިރަކަށް ފަހަތަށް ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަމަށެވެ.

މަތި މައްޗަށް ދައުވާ ކުރެއްވިނަމަވެސް އެމަނިކުފާނުގެ ސިޔާސީ މަސައްކަތް ހުއްޓަވާ ނުލައްވައި ކުރިއަށް ވަޑައިގަންނަވާނީ ސާބިތުކަމާއެކު. ހަމައެގޮތުގެ މަތިން މިކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ އެއްވެސް ބޭފުޅަކީ ސަރުކާރުން ދައްކާ ބިރަކަށް ފަސް ޖެހޭނެ ބައެއް ނޫންކަމުގައިވެސް މިފުރުޞަތުގައި ދަންނަވަން.

– އިދިކޮޅު ބަޔާނުގައި ވެއެވެ.

އިދިކޮޅުން މިބަޔާނުގައި ސަރުކާރަށް ދަންނަވާފައިވަނީ އެއްވެސް ފަސްޖެހުމެއް ނެތި، ކޯލިޝަނުން އެންމެ އިސްކަމެއް ދީގެން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރުމަށާއި އަދި ކުރިއަށް ހުރި އިންތިޚާބުތައް ކާމިޔާބު ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގައި ނުކުންނާނީ ކުރިއަށްވުރެވެސް ވަރުގަދަކޮށް ކަމުގައެވެ. އަދި ރައްޔިތުންގެ ތާއީދު ކޯލިޝަނަށާއި ރައީސް ޢަބްދުﷲ ޔާމީނާށް އޮތް މިންވަރު ސަރުކާރަށް ދައްކާނީ ވޯޓު ފޮށިން ކަމުގައި ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.