ފްލެޓާއި ގޯއްޗަށް އެދުމުން ވަގުތުން ޕޮއިންޓް އެނގޭނެ، ނަމަވެސް ސައްހަކަން ކަށަވަރުކުރާނެ: ވަޒީރު

ފްލެޓާއި ގޯއްޗަށް އެދުމުން ވަގުތުން ޕޮއިންޓް އެނގޭނެ، ނަމަވެސް ސައްހަކަން ކަށަވަރުކުރާނެ: ވަޒީރު

Author
އައިޝަތު އަޙްމަދު
18 ޖެނުއަރީ 2026 12:56
0

"އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން ސަރުކާރުން އަލަށް ހުޅުވާލި ފްލެޓާއި ގޯއްޗަށް އެދި "ހިޔާވަހި" ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުން، އެމީހަކަށް ލިބޭ ޕޮއިންޓުގެ ތަފްސީލް ވަގުތުން އެނގޭނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަޙައްދާއި ރަސްމާލެ ހިމެނޭހެން 15,000 ގޯއްޗާއި 7,900 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ފޯމު ހުށަހެޅުމަށް އަވަސް އަރުވާލުމުގެ ބަދަލުގައި، ވަގުތު ނަގައިގެން ސައްޙަ ލިޔެކިޔުންތައް ހަމަކުރުމަށްފަހު ފޯމު ހުށަހެޅުން މުހިންމެވެ. ސަބަބަކީ ފޯމު ސަބްމިޓް ކުރުމަށްފަހު ކެންސަލް ނުކުރެވޭނެތީއެވެ. ނަމަވެސް ފޯމު ޑްރާފްޓްކޮށްފައި ބެހެއްޓޭނެއެވެ. ޕޮއިންޓް ވަގުތުން ލިބުނު ނަމަވެސް، ހުށަހަޅާ ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ރާއްޖޭގެ އެހެން ރަށެއްގައި އެމީހާގެ ނަންމަތީގައި ބޯހިޔާވަހިކަމެއް އޮތްތޯ ވަރަށް ރަނގަޅަށް ބަލާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ސްކީމުގައި މާލޭގެ ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަކި އަދަދުތަކެއް ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން، ކުރީގެ ވެށިފަހި އަދި ހިޔާ މަޝްރޫޢުން ލިޔުން ލިބި ފްލެޓް ނުލިބޭ ފަރާތްތަކަށްވެސް މި ސްކީމުގައި ބައިވެރިވުމުގެ އިޚްތިޔާރު ދީފައިވެއެވެ. ގޯއްޗަށް އެދޭ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މާރިޗު 4 ވަނަ ދުވަހެވެ. އަދި ފްލެޓަށް އެދޭ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރީލް 17 ވަނަ ދުވަހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.