ސިނަމަން ވެލިފުށި މޯލްޑިވްސް ރިސޯޓުގެ އެކޮމޮޑޭޝަން ބްލޮކްގެ ޑަސްބިނެއްގެ ތެރެއިން މަރުވެފައި އޮއްވައި ފެނުނު ތުއްތު ކުއްޖާގެ ހަށިގަނޑު މިރޭ ވަޅުލައިފިއެވެ. މި ކުއްޖާގެ ކަށުނަމާދާއި ވަޅުލުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ މިރޭ 10:00 ހާއިރު އާސަހަރާ މިސްކިތުގައެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ބަރުދަނުގައި ގާތްގަނޑަކަށް ދެ ކިލޯ ހުރި މި ކުއްޖާ ފެނިފައިވަނީ އެ ރިސޯޓުގެ މުވައްޒަފުންނަށް ހާއްސަ ސަރަހައްދުގެ ޑަސްބިނަކުންނެވެ. ކުއްޖާ ފެނުނުއިރު އޮތީ މަރުވެ، ހަށިގަނޑު ކުނިވެފައި ކަމަށް މައުލޫމާތު ލިބެއެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ނިމިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.
މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ އަންހެނަކު ހައްޔަރުކޮށްފައެވެ. ނަމަވެސް، އެނގިފައިވާ ގޮތުގައި ހައްޔަރުކުރި އަންހެން މީހާ މިހާރު ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ރަސްމީ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ