އެމްޑީޕީގެ މޭޔަރު ޓިކެޓު ބޮޑު ތަފާތަކުން އާދަމް އާޒިމް ކަށަވަރުކުރައްވައިފި

އެމްޑީޕީގެ މޭޔަރު ޓިކެޓު ބޮޑު ތަފާތަކުން އާދަމް އާޒިމް ކަށަވަރުކުރައްވައިފި

Author
ޙަސަން މުޙައްމަދު
16 ޖެނުއަރީ 2026 09:17
0

އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި، އެމްޑީޕީގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާނެ ކެންޑިޑޭޓަކަށް މިހާރުގެ މޭޔަރު އާދަމް އާޒިމް ހޮވިވަޑައިގެންފިއެވެ. މި ޓިކެޓު އާޒިމް ކާމިޔާބު ކުރެއްވީ މިއަދު މާލޭގައި ކުރިއަށްދިޔަ އެ ޕާޓީގެ ޕްރައިމަރީގައި، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމްއާ ވާދަކުރައްވައި ބޮޑު ތަފާތަކުންނެވެ.

މިއަދުގެ ވޯޓުލުމަށްފަހު މިހާތަނަށް ގުނާފައިވާ ގާތްގަނޑަކަށް ހުރިހާ ފޮށްޓެއްގެ ނަތީޖާ ދައްކާގޮތުން އާދަމް އާޒިމް ވަނީ ކުރި ހޯއްދަވާފައެވެ. ވަގުތީ ނަތީޖާތަކަށް ބަލާއިރު، ޖުމްލަ ސައްހަ ވޯޓުގެ 60 އިންސައްތައަށްވުރެ މަތީ އަދަދެއް އާޒިމް ހޯއްދަވާނެކަމަށް ދައްކައެވެ. މިއީ އެމްޑީޕީގެ މާލެ ދާއިރާގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ އާޒިމް މޭޔަރުކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ހޯއްދެވި ކާމިޔާބީއެކެވެ.

އާދަމް އާޒިމް މާލެ ސިޓީގެ މޭޔަރުކަމުގެ މަގާމަށް އެންމެ ފުރަތަމަ ވަޑައިގަތީ 2024 ވަނަ އަހަރުގެ ޖެނުއަރީ 13 ގައި ބޭއްވި ބައި-އިލެކްޝަން ކާމިޔާބު ކުރައްވައިގެންނެވެ. އެފަހަރުގެ އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓު އާޒިމާ ޝަކޫރުއާ ވާދަކުރައްވައި އާޒިމް ކާމިޔާބު ހޯއްދެވީ ވޯޓުލީ މީހުންގެ 44.8 އިންސައްތަ ވޯޓުންނެވެ. އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 54،680 މީހުންގެ ތެރެއިން ވޯޓުލާން ނުކުތީ 31 އިންސައްތަ މީހުންނެވެ.

މޭޔަރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އާޒިމް ހުންނެވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. މިއަދުގެ ކާމިޔާބީއާއެކު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމުގެ ގޮނޑި ދިފާއުކުރުމަށް އެމްޑީޕީން ނުކުންނާނީ އާދަމް އާޒިމްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.