ރަޝިޔާއަށް ކަނޑައެޅި ސަފީރުކަމުގެ ފަތްކޮޅު، އަބްދުއްރަހީމް ރައީސް ޕޫޓިންއަށް އަރުވައިފި

ރަޝިޔާއަށް ކަނޑައެޅި ސަފީރުކަމުގެ ފަތްކޮޅު، އަބްދުއްރަހީމް ރައީސް ޕޫޓިންއަށް އަރުވައިފި

Author
ޙަސަން މުޙައްމަދު
16 ޖެނުއަރީ 2026 10:50
0

ދިވެހިރާއްޖެއިން ރަޝިޔާއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރުގެ މަގާމަށް އައްޔަންކުރެއްވި ލެފްޓިނެންޓް ޖެނެރަލް (ރިޓަޔާޑް) އަބްދުއްރަހީމް އަބްދުއްލަތީފް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއަށް އަރުވައިފިއެވެ.

މި ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ރަޝިޔާގެ ވެރިރަށް މޮސްކޯގައި ހުންނަ ގްރޭންޑް ކްރެމްލިން ޕެލަސްގައެވެ. މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން، ސަފީރު އަބްދުއްރަހީމް ވަނީ ރަސްމީކޮށް މަގާމުގެ ފަތްކޮޅު ރައީސް ޕޫޓިންގެ އަތްޕުޅަށް އަރުވާފައެވެ. ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ފަތްކޮޅު އެރުވުމަށްފަހު ސަފީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ރައީސް ޕޫޓިންއަށް ވެދުން ސަލާމާއި ހެޔޮއެދުންތައް ވެސް އަރުވާފައެވެ.

އަބްދުއްރަހީމަކީ ދިވެހި ސިފައިންގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން ހޭދަކުރައްވައި، މަތީ މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. ރަޝިޔާގެ ސަފީރުކަމުގެ މަގާމަށް ރައީސް ޑރ. މުއިއްޒު އެމަނިކުފާނު އައްޔަންކުރެއްވީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.

އަބްދުއްރަހީމް މިވަގުތު ހުންނެވީ ތުރުކީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައެވެ. އެހެންކަމުން ރަޝިޔާގެ ސަފީރުކަމުގެ މަސްއޫލިއްޔަތުތައް އެމަނިކުފާނު އަދާކުރައްވާނީ ނޮން-ރެސިޑެންޓް ސަފީރެއްގެ ގޮތުގައި، ތުރުކީގައި ގާއިމުވެ ހުންނަވައިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.