އެމްޑީޕީ ޕްރައިމަރީގައި ނަޝީދު ބަލިކުރުމަށް އެންމެ ފަހުގެ ހަތިޔާރު: ފަޒްނާގެ ތާއީދު އާދަމް އާޒިމަށް

އެމްޑީޕީ ޕްރައިމަރީގައި ނަޝީދު ބަލިކުރުމަށް އެންމެ ފަހުގެ ހަތިޔާރު: ފަޒްނާގެ ތާއީދު އާދަމް އާޒިމަށް

Author
ހުސައިން
15 ޖެނުއަރީ 2026 12:11
0

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ފަހު ވަގުތު، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، މިހާރުގެ މޭޔަރު އާދަމް އާޒިމަށް ތާއީދު ކުރައްވާކަން ހާމަކުރައްވައިފިއެވެ.

މާދަމާ ބާއްވާ މި އިންތިޚާބުގެ ފޯރި ގަދަވެފައިވާއިރު، ޚާއްޞަކޮށް އާދަމް އާޒިމާއި އަލީ އާޒިމްގެ މެދުގައި އޮތް ވާދަވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ސިޔާސީ ގޮތުން ބަލާއިރު، ރައީސް ޞާލިޙް ވަކި ކެންޑިޑޭޓަކަށް ތާއީދުކުރައްވާކަން ރަސްމީކޮށް އިޢުލާން ނުކުރެއްވި ނަމަވެސް، އާދަމް އާޒިމް ނުކުންނަވަނީ އެމަނިކުފާނުގެ ފުރިހަމަ ތާއީދާއެކު ކަމަށް ބެލެވޭއިރު، އަލީ އާޒިމްގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންނެވެ.

މި ފޯރިގަދަ ވާދަވެރިކަމުގެ ތެރެއިން، ފަޒްނާ އަޙްމަދު އާދަމް އާޒިމަށް ވޯޓު ދެއްވަން ނިންމެވިކަން ހާމަކުރެއްވީ ގަލޮޅު ސިޓީ ޕާކާ ގުޅޭގޮތުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެކަމަނާ ވިދާޅުވި ގޮތުގައި އާދަމް އާޒިމަށް ތާއީދުކުރައްވަނީ، އޭނާއަކީ ވަކި އަމާޒެއް ކަނޑައަޅުއްވައިގެން މަސައްކަތްކުރައްވާ އަދި އަމަލީ ނަތީޖާ ނެރެދެއްވާ ބޭފުޅަކަށް ވާތީއެވެ. މިކަމުގެ މިސާލެއްގެ ގޮތުން، މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް އާޒިމް ގެންގުޅުއްވި ހަރުދަނާ އުސޫލުތައް ފަޒްނާ ފާހަގަކުރެއްވިއެވެ. އެގޮތުން، އެކަމަނާ ތާޖުއްދީން ސްކޫލުގައި މަސައްކަތް ކުރެއްވިއިރު، ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯއްދެވުމަށް ކަމާބެހޭ ވެރިންނާ ބައްދަލުކުރެއްވުމުން، ގިނަ ބޭފުޅުން މަގު އުސްކުރުން ފަދަ ބޮޑެތި މަޝްރޫޢުތަކުގެ ވާހަކަ ދެއްކެވި ނަމަވެސް، އާދަމް އާޒިމް އެކަން ހައްލުކުރެއްވީ އެންމެ އަސާސީ ކަންކަމުން ފެށިގެންކަމަށް ފަޒްނާ ވިދާޅުވިއެވެ. އެއީ ގަވާއިދުން ކާނުތައް ސާފުކުރުމާއި ފެން ހިއްކުމަށް އެކަށީގެންވާ އާލާތްތައް ބޭނުންކުރެއްވުން ފަދަ އަމަލީ ފިޔަވަޅުތައްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އާދަމް އާޒިމްއައި އަލީ އާޒިމްގެ ޕްރައި،ަރީގެ ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައިވާއިރު، ރައީސް ނަޝީދު ފާޅުގައި އަލީ އާޒިމްއަށް ތާއީދުކުރައްވަމުން ގެންދެވިނަމަވެސް، ރައީސް ސާލިހު މިހާތަނަށް ފާޅުގައި އެއްވެސް ފަރާތަކަށް ތާއީދު ކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް ސާލިހުގެ އާއިލީ ހުރިހާ ބޭފުޅުންވެސް ތާއީދުކޮށް އަދި ކެމްޕޭންވެސް ކުރައްވަމުން ގެންދަވަނީ އާދަމް އާޒިމްއަށެވެ. އަދި ފަހު ވަގުތު ރައީސް ސާލިހުގެ އަނބިކަނބަލުން އާދަމް އާޒިމްއަށް ތާއީދު ކުރެއްވުމުން، އިންތިޚާބުގައި ރައީސް ސާލިހު ތާއީދު ކުރައްވާ ކެނޑިޑޭޓު މާސާފުކޮށް އެމަނިކުފާނު ވިދާޅުވެ ދެއްވީކަމަށް މިހާރުވަނީ ގަބޫލުކުރެވިފައެވެ. އަދި މިއީމި އިންތިޚާބުގައި ނަޝީދު ބަލިކުރުމަށް ބޭނުންކުރެއްވި އެންމެ ފަހުގެ ހަތިޔާރުކަމަށްވެސް ގިނަ ބަޔަކު ސިފަކުރަމުން ދެއެވެ.

މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު 14:00 އިން ފެށިގެން ރޭގަނޑު 20:00 ގެ ނިޔަލަށެވެ. މާލޭގެ މޭޔަރުކަމުގެ މަޤާމަށް ވަރުގަދަ ބޭފުޅުންތަކެއް ވާދަކުރައްވާއިރު، މެޑަމް ފަޒްނާގެ މި ހާމަކުރުމާއެކު އާދަމް އާޒިމްގެ ކެމްޕެއިނަށް އިތުރު ޖޯޝެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.