އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވަމުން ދަނިކޮށް، މުބާރާތަށް ކޮލިފައިވެފައިވާ 15 ޤައުމެއްގެ ރައްޔިތުންނަށް އެމެރިކާއަށް އެތެރެވުން މަނާކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުދަ ދުވަހު ނެރުނު ރަސްމީ މެމޯއެއްގައިވާ ގޮތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 75 ޤައުމެއްގެ މީހުންނަށް އެމެރިކާއަށް އެތެރެވުން މިހާރު ވަނީ މަނާކޮށްފައެވެ. ވައިޓް ހައުސްއިން ހާމަކުރި ގޮތުގައި ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ މި ސިޔާސަތަކީ އެމެރިކާގެ ޤައުމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅި ފިޔަވަޅެކެވެ. އަދި މި ލިސްޓަށް ފަހުން އިތުރުކުރެވުނު ޤައުމުތަކަށް މި އަމުރު ތަންފީޒުވާން ފަށާނީ މިމަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ.
މި ނިންމުމުގެ ސަބަބުން އެންމެ ބޮޑު ސިހުމެއް ލިބިގެންދިޔައީ ފުޓްބޯޅައިގެ ގަދަބާރު ބްރެޒިލް މި ލިސްޓުގައި ހިމެނުމުންނެވެ. ބްރެޒިލްގެ އިތުރުން ސްކޮޓްލޭންޑާއެކު ގްރޫޕް ސީގައި ހިމެނޭ މޮރޮކޯ އާއި ހެއިޓީއަކީ ވެސް މި ލިސްޓުގައި ހިމެނޭ ޤައުމުތަކެވެ. އެމެރިކާއަށް އެތެރެވުން މަނާކުރި ވޯލްޑް ކަޕްގެ ޤައުމުތަކުގެ ތެރޭގައި އަލްޖީރިއާ، ކޭޕް ވާޑޭ، ކޮލަމްބިއާ، އައިވަރީ ކޯސްޓް، މިޞްރު، ގާނާ، އީރާން، އުރުގުއޭ، ޖޯޑަން، ސެނެގާލް، ޓިއުނީޝިއާ އަދި އުޒްބެކިސްތާން ހިމެނެއެވެ. މީގެ ތެރެއިން ހެއިޓީ އަދި އީރާނުގެ ރައްޔިތުންނަށް އެމެރިކާއަށް އެތެރެވުން ވަނީ މުޅިން މަނާކޮށްފައެވެ. ނަމަވެސް މި ދެ ޤައުމު ފިޔަވައި ދެން ހުރި ޤައުމުތަކުގެ މީހުންނަށް ވިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ އެމީހުންގެ ރެކޯޑްތައް ވަރަށް ރަނގަޅަށް ބަލައި، ހަރުކަށި ޗެކިންތަކަކަށް ފަހުގައެވެ. އަދި ވިސާއަށް އެދޭއިރު އެމީހެއްގެ އުމުރާއި، ޞިއްޙީ ހާލަތުގެ އިތުރުން އިނގިރޭސި ބަސް އެނގޭ މިންވަރަށް ބެލުމަށް ވެސް ވަނީ ޝަރުތުކޮށްފައެވެ.
މި ހަރުކަށި ފިޔަވަޅުތަކާއެކުވެސް، ބައެއް ޚާއްޞަ ހާލަތްތަކުގައި އިސްތިސްނާ ދިނުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި އެމެރިކާގެ ދާއިމީ ރެސިޑެންޓުންނާއި، މިހާރުވެސް ވިސާ އޮތް ފަރާތްތަކާއި ޑިޕްލޮމޭޓުން ހިމެނެއެވެ. އަދި އެންމެ މުހިންމު ކަމަކަށް، ބޮޑެތި ކުޅިވަރު މުބާރާތްތަކަށް ދަތުރުކުރާ އެތުލީޓުން މި ނިންމުމުން އިސްތިސްނާވާނެތީ، އެ ޤައުމުތަކުގެ ޤައުމީ ޓީމުތަކަށް މުބާރާތުގައި ކުޅުމުގެ ފުރުޞަތު ގެއްލިގެން ނުދާނެއެވެ. ނަމަވެސް، ޓީމުތަކަށް ކުޅެވުނު ކަމުގައި ވިޔަސް، ސަޕޯޓަރުންނަށް ދަތުރު ނުކުރެވޭނަމަ މުބާރާތުގެ ފޯރިއަށް އަސަރުކުރާނެ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ. ޚާއްޞަކޮށް ފޮކްސްބަރޯ އަދި މިއާމީގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގައި ސްޓޭޑިއަމްތަކުން ސަޕޯޓަރުން މަދުވެ، ފަޅުކަން އިހުސާސް ކުރަން ޖެހިދާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ