ދިރާގުން ކުރިއަށްގެންދާ "އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފުރަތަމަ ލޯންޗުގެ ނަސީބުވެރިޔާ ހޮވުމަށް ބާއްވާ ހާއްސަ ހަފުލާ މާދަމާ ހުޅުމާލެ ފޭސް 2 ގެ ދިރާގު ބީޗުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 ގައެވެ. މި ހަވީރު އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ޑީޖޭ މީކާގެ ހުށަހެޅުންތަކާއި، ކުޑަކުދިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ރޮބޯމޭންގެ ހަރަކާތްތައް ވެސް ފެނިގެންދާނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ލިބިގެންދާނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެކެވެ. މިއީ ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނަކާ އެކު، އެކި ބޭނުންތަކަށް ހިފޭގޮތަށް ފަރުމާކޮށްފައިވާ ވަރުގަދަ އަދި ހިތްގައިމު އުޅަނދުތަކެކެވެ. ފުރަތަމަ ލޯންޗު ހޯދުމުގެ ފުރުސަތު މިހާރު ބަންދުވެފައިވީ ނަމަވެސް، މި ޕްރޮމޯޝަންގެ ދަށުން ދޭ ދެވަނަ ލޯންޗު ކާމިޔާބު ކުރުމުގެ ފުރުސަތު މިއަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.
މި އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު ދިރާގުގެ އެކި ހިދުމަތްތައް ބޭނުންކުރާ ކަސްޓަމަރުންނަށް ވަނީ ފަހިކޮށްދީފައެވެ. އޭގެ ތެރޭގައި ޕްރީޕެއިޑް ކަސްޓަމަރުންގެ ތެރެއިން 450 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީލޯޑްކުރާ ފަރާތްތަކާއި، 450 ރުފިޔާ ނުވަތަ އެއަށްވުރެ މަތީގެ ޕޯސްޓްޕެއިޑް ޕްލޭންތައް ގެންގުޅޭ ފަރާތްތައް ނުވަތަ އެ އަދަދަށް ބިލް ދައްކާ ފަރާތްތައް ހިމެނެއެވެ. އަދި ހަމައެހެންމެ، ދިރާގު ލިމިޓެއްނެތް ފައިބަ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްެކޭޖުތައް ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް މި ލަކީޑްރޯގައި ބައިވެރިވެވޭނެއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި ދިރާގުގެ ޚާއްސަ ޕޯޓަލް މެދުވެރިކޮށް މާޗް 31 ގެ ކުރިން އެންރޯލް ކުރަންޖެހޭނެއެވެ. ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މިފަދަ ބޮޑެތި ޕްރޮމޯޝަންތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އަގުހުރި އިނާމުތައް ހޯދައިދީ، ދިރިއުޅުމަށް އިތުރު ފަސޭހަަކަމާއި އުފާވެރިކަން ގެނެސްދިނުމަށެވެ.
ކޮމެންޓު ފޮނުވާ