ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހެން މީހެއްގެ އެހީތެރިކަމާ ނުލައި، މިނިވަންކަމާއެކު ވޯޓުލުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، ޚާއްސަ ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ. މި އުސޫލުގެ ދަށުން ވޯޓުލާން ބޭނުންވާ ފަރާތްތަކުން، އަންނަ ފެބްރުވަރީ މަހުގެ 23 ވަނަ ދުވަހުގެ ރޭގަނޑު 10:00 ގެ ކުރިން 1414 އަށް ގުޅުއްވައި ދަފުތަރުގައި ރަޖިސްޓްރީ ވުމަށް އެ ކޮމިޝަނުން ވަނީ އެދިވަޑައިގެންފައެވެ.
ރަޖިސްޓްރީވުމުގެ ކަންކަން ކުރިއަށްދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ރޭގަނޑު 10:00 އަށް 1414 އަށް ގުޅުއްވުމުން މި ޚިދުމަތަށް އެދި ލެއްވޭނެއެވެ. މިއީ ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް ސިއްރު ވޯޓެއް ލުމުގެ ހައްގު ކަށަވަރުކޮށްދިނުމުގެ ގޮތުން ތައާރަފުކޮށްފައިވާ ނިޒާމެކެވެ. މި ނިޒާމު އެންމެ ފުރަތަމަ ބޭނުންކުރަން ފެށީ 2023 ވަނަ އަހަރުގެ މެއި މަހު ގާނޫނަށް ގެނައި އިސްލާހަކާ ގުޅިގެން، އެ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައެވެ. އެ އިންތިޚާބުގެ ފުރަތަމަ ބުރުގައި މި ޓެމްޕްލޭޓް ބޭނުންކޮށްގެން 45 މީހަކު ވޯޓުލާފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.
މިކަމަށް ބޭނުންކުރާ ޓެމްޕްލޭޓަކީ ވޯޓު ކަރުދާސް އޭގެ ތެރެއަށް ލައްވާލެވޭ ގޮތަށް ނުވަތަ ކަރުދާހުގެ މަތީގައި ބާއްވާލެވޭ ގޮތަށް ފަރުމާކޮށްފައިވާ، އެތެރެ ފެންނަ ޕްލާސްޓިކް އެއްޗެކެވެ. މި ޓެމްޕްލޭޓުގައި ކެންޑިޑޭޓުންގެ ނަންބަރު އަތްލުމުން އެނގޭނެހެން ހިމަނާފައިވާއިރު، ވޯޓުލާންޖެހޭ ގޮޅިއާ ދިމާލުން ކެަނޑާފައި ހުރުމުން، ފަސޭހަކަމާއެކު އަމިއްލައަށް ފާހަގަ ޖެހުމުގެ ފުރުސަތު ލިބިގެންދެއެވެ. އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި މި ވަސީލަތް ބޭނުންކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
ކޮމެންޓު ފޮނުވާ