މަޖިލީހުގެ ރައީސް، އިންޑިއާގެ ލޮކް ސަބާގެ ރައީސްއާ ބައްދަލުކުރައްވައިފި

މަޖިލީހުގެ ރައީސް، އިންޑިއާގެ ލޮކް ސަބާގެ ރައީސްއާ ބައްދަލުކުރައްވައިފި

Author
ހުސައިން
14 ޖެނުއަރީ 2026 06:17
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ، އިންޑިއާގެ ޤާނޫނުހަދާ މަޖިލިސް (ލޮކް ސަބާ) ގެ ރައީސް އޯމް ބިރްލާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައި، ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ އިންޑިއާގެ ނިއު ދިއްލީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންގެ 28 ވަނަ ކޮންފަރެންސްގެ ހަވާސާގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވަނީ، ނިއު ދިއްލީގައި ކުރިއަށްދާ ކޮންފަރެންސްގެ އިންތިޒާމުތަކުގެ ފުރިހަމަކަން ފާހަގަކުރައްވައި، ލޮކް ސަބާއިން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފު ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިފަދަ ކޮންފަރެންސްތަކަކީ ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އެއްބާރުލުން އިތުރުކޮށް ގުޅުން ބަދަހިކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުޞަތެކެވެ.

ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ޢަބްދުއްރަޙީމް ވަނީ، ރައްޔިތުންގެ މަޖިލީހާއި ލޮކް ސަބާއާ ދެމެދު ވެފައިވާ އެމް.އޯ.ޔޫގެ ދަށުން މަޖިލީހުގެ މުވައްޒަފުންނަށް ލޮކް ސަބާއިން ހިންގަމުންދާ ތަމްރީން ޕްރޮގްރާމްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ޤައުމުގެ ޕާލަމެންޓްގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ފުޅާކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ލޮކް ސަބާގެ ރައީސް އޯމް ބިރްލާ ދެއްކެވި ވާހަކަފުޅުގައި، އިންޑިއާގެ ޕާލިމެންޓް ޑިޖިޓަލައިޒްކުރުމުގައި ހޯދާފައިވާ ކުރިއެރުންތަކާއި، މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމުގައި ލޮކްސަބާގެ 'ޕާލިމެންޓަރީ ރިސާޗް އެންޑް ޓްރޭނިން އިންސްޓިޓިއުޓް ފޯ ޑިމޮކްރަސީސް' (ޕްރައިޑް) ގެ ދައުރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ޑިޖިޓަލް އިނޮވޭޝަންތަކާއި އެހެނިހެން މުހިންމު ދާއިރާތަކުން އިންޑިއާއަށް ލިބިފައިވާ ތަޖުރިބާ ދިވެހިރާއްޖެއާ ހިއްސާކުރުމަށް ތައްޔާރަށް އޮތްކަމުގެ ޔަގީންކަން ލޮކް ސަބާގެ ރައީސް ވަނީ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.