ބަނގްލަދޭޝްގައި އަންނަ މަހު ބާއްވާ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބާ ދިމާކޮށް، އެ ގައުމަށް އެތެރެވުމުގައި ދޫކުރާ އޮން-އެރައިވަލް ވިސާގެ ޚިދުމަތް މެދުކަނޑާލުމަށް ކުރިން ނިންމި ނިންމުން އެ ގައުމުގެ ސަރުކާރުން ބާތިލުކޮށްފިއެވެ.
ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން މީގެ ކުރިން ހާމަކުރެއްވި ގޮތުގައި، އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބަނގްލަދޭޝްގައި ބާއްވާ އާންމު އިންތިހާބާ ގުޅިގެން، މި ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ 15 ގެ ނިޔަލަށް އޮން-އެރައިވަލް ވިސާ ދިނުން ހުއްޓާލުމަށް އެ ގައުމުން އޮތީ ނިންމާފައެވެ. ނަމަވެސް، އެ ނިންމުން އަނބުރާ ގެންގޮސްފައިވާކަން ބަނގްލަދޭޝް ސަރުކާރުން މިހާރު ރަސްމީކޮށް އަންގާފައިވާ ކަމަށް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ކަށަވަރުކޮށްދީފައެވެ.
މި ބަދަލާއެކު، ބަނގްލަދޭޝްއަށް ދަތުރުކުރާ ދިވެހިންނަށް އެއްވެސް ދަތިކަމެއް ނެތި، ކުރިއެކޭ ވެސް އެއްގޮތަށް އޮން-އެރައިވަލް ވިސާގެ ލުއިފަސޭހަކަން ލިބިގެންދާނެއެވެ. މިއީ ބޭސްފަރުވާއަށާއި އެހެނިހެން ބޭނުންތަކަށް އެ ގައުމަށް ޒިޔާރަތްކުރާ ދިވެހިންނަށް ލިބިގެންދިޔަ މުހިންމު ލުޔެކެވެ.
ބަނގްލަދޭޝްގައި އަންނަ މަހު ބާއްވާ މި އިންތިހާބަކީ، އެ ގައުމުގައި ހިނގައިދިޔަ ދަރިވަރުންގެ ވަރުގަދަ މުޒާހަރާތަކާ ގުޅިގެން ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ވެރިކަން ވެއްޓުމަށްފަހު ބާއްވާ ފުރަތަމަ އާންމު އިންތިހާބެވެ. ބޮޑެތި ހަމަނުޖެހުންތަކަށްފަހު ހަސީނާ އިސްތިއުފާ ދެއްވައި، މިވަގުތު އިންޑިއާގެ ހިމާޔަތުގައި ހުންނެވި ނަމަވެސް، އެކަމަނާގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލިފައިވާ ދަނޑިވަޅެއްގައި ބާއްވާ މި އިންތިހާބަކީ ސިޔާސީ ގޮތުން އެ ގައުމަށް ވަރަށް މުހިންމު އިންތިހާބެކެވެ.
ކޮމެންޓު ފޮނުވާ