ޓުވަރިޒަމް ބޫމްއެއްގެ ވާހަކަ ދައްކާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ ދިވެހި މުވައްޒިފުން އުޅެމުންދާ ހާލު ދެނެގަންނެޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 އާއި ގުޅިގެން ފަތުވެރިކަމުގެ ދާއިރާއަށް އައި ބޮޑު ލޮޅުމަށްފަހު އަލުން ފަތުރުވެރިކަން ހިނގައިގަނެ ފަތުރުވެރިކަން ކުރިއަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތާއި، މިކަމުގައި ރިސޯޓު ތަކުގައި ވަޒީފާ އަދާކުރާ މުވައްޒިފުންގެ ހައްގުތަކާއި ގުޅޭގޮތުން އަލީ ހުސެއިން ވިދާޅުވީ ރިސޯޓުތަކުގައި ވަޒީފާ އަދާކުރި ކަމުގައި ވީނަމަވެސް އަނބިފިރިކަމުގެ ގުޅުމާއި، އާއިލީ ގުޅުންތަކަކީވެސް ލިބިދޭންޖެހޭ ހައްގެއް ކަމަށެވެ.
މިއަދު ފަތުރުވެރިކަމަށް ބޫމްއެއް އައިސްފައިވާކަމަށް ވިދާޅުވެ ވާހަކަ ދައްކަވާ ބޭފުޅުން އެންމެ ފަހަރަކުވެސް މިމަސައްކަތް މިހިސާބަށް ގެނައުމުގައި މަސައްކަޔް ކުރައްވަމުންދާ މުވައްޒިފުން ތިބި ހާލާއިމެދު ނުވިސްނާކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ. އާއިލާއަށް ބައްދަލުނުވެ، އަނބިދަރީންނާއި، ރައްޓިހިން ލޮލަށް ނުފެނި އެތައް މަހެއް ވަންދެން ރިސޯޓުތަކުގެ މުވައްޒިފުން އުޅެމުންދާ ހާލަކީ މިއަދު ވިސްނާލަންޖެހޭ ކަމެއްކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
ޓުއަރިޒްމް ބޫމްއެއްގެ ވާހަކަ ދައްކާއިރު، ރިސޯޓުތަކުގައި އަނބިދަރިންނާ ޢާއިލާ އާއި ބައްދަލުނުވެ، އެތަކެއް މަސްތަކެއް ހޭދަކުރުމަށް މަޖުބޫރު ވެފައިވާ މަސައްކަތްތެރީންގެ ޤުރުބާނީގެ މަތިން ހަނދާން ކުރަންޖެހޭ. އަނބިފިރި ކަމުގެ ޙައްޤަކީވެސް އިންސާނީ ޙައްޤެއް.
– އަލީ ހުސެއިން ވިދާޅުވިއެވެ.
ޖުލައިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހު ނިންމެވުމާއެކު، ރާއްޖޭގެ ރިސޯޓްތަކާއި ގެސްޓްހައުސްތައް އަދި ސަފާރީތައް ދަނީ ފުރެމުންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން ގޮވައިގެން އެއަރލައިންތައް ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ. އިތުރު އެއަރލައިންތަކުން ދަތުރުތައް ފެށުމަށް ތައްޔާރުވަނީއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ފުޅާވެ ކުރިއަށްދާއިރު ރާއްޖޭގެ އިޤްތިޞާދަށްވެސް މިކަމުން ހެޔޮ ބަދަލުތަކެއް ދަނީ އަންނަމުންނެވެ. ނަމަވެސް ރިސޯޓު މުވައްޒިފުންނަށް ލިބެންޖެހޭ ހައްގުތައް އެންމެ އެކަށީގެންވާ ގޮތުގައި ނުލިބުމަކީ އޭރުވެސް އަދި މިހާރުވެސް އެމުވައްޒިފުންގެ އެންމެބޮޑު ޝަކުވާއެވެ.
ކޮމެންޓު ފޮނުވާ