މާލޭގެ ބިމުގެ އެއްބަސްވުންތަކުގެ ތެރެއިން ސައްޙަނޫން އެއްބަސްވުންތަކުގެ މައްސަލަ ފުލުހަށް ހުށަހަޅައިފި

މާލޭގެ ބިމުގެ އެއްބަސްވުންތަކުގެ ތެރެއިން ސައްޙަނޫން އެއްބަސްވުންތަކުގެ މައްސަލަ ފުލުހަށް ހުށަހަޅައިފި

Author
ހުސައިން
02 ޖެނުއަރީ 2026 12:06
0

މާލެ ސިޓީ ކައުންސިލުން މާލެއާއި ވިލިމާލޭން ބިންތައް ދޫކުރުމަށް ހަދާފައިވާ އެއްބަސްވުންތަކުގެ ތެރެއިން ސައްހަނޫން ކަމަށް ފާހަގަކުރެވޭ އެއްބަސްވުންތައް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށް މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މާލޭގެ މޭޔަރު އަދަމް އާޒިމް ވިދާޅުވެފައިވަނީ، ބައެއް އެއްބަސްވުންތައް ބަލައި އުފައްދާފައި ހުރި އެއްޗެހި ކަމަށް ފާހަގަކުރެވޭތީ، ޔަގީން ނުވާ މައުލޫމާތުތައް ޕަބްލިކުތެރެއަށް ދޫކޮށްލުމުން އިތުރު މައްސަލަތައް ދިމާވެދާނެތީ، އެފަދަ ހުރިހާ އެއްބަސްވުންތަކެއް ފުލުހަށް ފޮނުވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި، މާލޭގެ މަސް މާރުކޭޓު އެއްބަސްވުންވެސް ފުލުހަށް ފޮނުވި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭއެވެ. މީގެ އިތުރުން އެއްބަސްވުންތައް އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓާ ޖެނެރަލްގެ އޮފީހަށްވެސް ވަނީ ފޮނުވާފައެވެ.

ފާހަގަކުރެވޭ ގޮތުގައި، މިދިޔަ ނޮވެމްބަރު މަހު ކައުންސިލުން މާލެއާއި ވިލިމާލޭން ކުއްޔަށް ދޫކޮށްފައިހުރި ބިންތަކުގެ ދަފުތަރު އާންމުކުރުމާ ގުޅިގެން، ނަހަމަ ގޮތުގައި ބިންތައް ދޫކޮށްފައިވާ ކަމުގެ ތުހުމަތުތައް ވަނީ އަމާޒުވެފައެވެ. އެ ދަފުތަރުގައި 157 ބިމާއި 363 ގޮޅި އަދި 424 ފައްތިޔާ ކުއްޔަށް ދޫކޮށްފައިވާ ކަން ފާހަގަކުރެވެއެވެ. ނަހަމަ ގޮތުގައި ބިންތައް ދޫކުރި ކޮންޓްރެކްޓުތައް އުވާލަން ކައުންސިލުގެ ޖަލްސާއެއްގައި އެޖެންޑާކުރި ނަމަވެސް، ޖަލްސާތަކުގެ ކޯރަމް ގެއްލި، މިކަމުގެ މަސައްކަތް ކުރިއަށް ނުގެންދެވި އެއް މަހަށްވުރެ ގިނަ ދުވަސް ވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.