އަދާލަތު ޕާޓީގެ ރައީސަކަށް އަންހެނުންނަށް ވާދަކުރެވޭ ގޮތްހަދައި، ކުރިމަތިލުމަށް ހުޅުވާލައިފި

އަދާލަތު ޕާޓީގެ ރައީސަކަށް އަންހެނުންނަށް ވާދަކުރެވޭ ގޮތްހަދައި، ކުރިމަތިލުމަށް ހުޅުވާލައިފި

Author
މުޙައްމަދު ޝަޒައިމް
10 ޖެނުއަރީ 2021 08:33
0

އަދާލަތު ޕާޓީގެ ރައީސްކަމުގެ މަޤާމަށް އަންހެނުންނަށްވެސް ވާދަކުރެވޭ ގޮތް ހަދައި އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

އަންހެނުންނަށް ރައީސްކަމަށާއި، ނާއިބް ރައީސްކަމަށް ވާދަކުރެވޭ ގޮތް ހަދައި ގެނައި ބަދަލާއިއެކު އަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބު މިމަހުގެ 30 ވަނަދުވަހަށް ވަނީ ފަސްކޮށްފައެވެ.

އަދާލަތި ޕާޓީން ބުނީ ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް އިންތިހާބުކުރުން ފަސްކޮށްފައިވަނީ ޕާޓީގެ ރައީސްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ބަދަލު ގެނެސްފައިވާތީ ކަމަށެވެ. އަދި ޕާޓީގެ އިސް ދެ މަޤާމަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް މިހާރު އެފުރުސަތު އަލުން ހުޅުވާލާފައިވާކަމަށެވެ. އަދާލަތު ޕާޓީން ބުނީ ޕާޓީގެ ރައީސާއި ނާއިބު ރައީސަށް ކުރިމަތިލާން ބޭނުންވާ ފަރާތަކުން މިމަހުގެ 17 ވަނަދުވަހުގެ 14:00ގެ ކުރިން އެކަމަށް ބޭނުންވާ ލިޔުންތައް ހުށައަޅަންޖެހޭކަމަށެވެ.

އަދާލަތު ޕާޓީގެ ރައީސްގެ މަޤާމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް އަސާސީ ޤަވާޢިދަށް މިހާރު ވަނީ ބަދަލު ގެނެސްފައެވެ. މި އިޞްލާޙު ހުށަހެޅީ ޕާޓީ އިތުރަށް ހުޅުވާލައި އެންމެ އިސްސަފުގައި އަންހެނުންނަށް ޙަރަކާތްތެރިވުމުގެ ފުރުޞަތު އިތުރުކުރުމަށްކަމަށް އެ ޕާޓީގެ މިހާރުގެ ރައީސް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވަނީ ވިދާޅުވެފައެވެ. އަދި މި އިޞްލާޙު ހުށަހެޅީ ޕާޓީގެ އިސްސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކާއި ޕާޓީގައި ހިމެނޭ ދީނީ ޢިލްމުވެރިންގެވެސް މަޝްވަރާގެ މަތިންކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މި އިޞްލާޙަކީ ޕާޓީގެ މަޝްވަރާ މަޖިލީހުގައި ހިމެނޭ 7 މެންބަރުންގެ ފުރިހަމަ ތާއިދާއެކު ހުށަހަޅާފައިވާ އިޞްލާޙެއްކަން ވެސް މިނިސްޓަރ ޢިމްރާން ވަނީ ފާހަގަކުރައްވާފައެވެ. އިންތިޙާބާއި ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ ޕާޓީގެ މައި އިދާރާގެ ނަމްބަރު 3342671 އާއި [email protected] އީމެއިލްއަށް ހުށައެޅޭނެކަމަށްވެސް އަދާލަތު ޕާޓީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.