ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބުން އެއް ވަނައިގައި އޮތް ކްލަބް ވެލެންސިއާއާ 1-1 ލަނޑު އިން އެއްވަަރުކޮށްފި އެވެ.
މެޗު ފަށައިގެން މާގިިނައިރެއް ނުވެ ވެލެންސިޔާއިން ޓީސީ ގޯލަށް ނުރައްކާ ކުރިއެވެ. މެޗުގެ ފުރަތަމަ 20 ވަރަަކަށް މިނިޓަށް ފަހު ޓީސީން ވެެލެންސިއާ ހާފް ތެރޭގައި ކޮންމެވެސް ވަރަަކަށް ބޯޅަ ހިފަހައްޓައިގެން ކުޅެން ފެށި އެވެ. ދެ ވަނަ ހާފް ފަށައިގެން ވެލެންސިއާ އިން ކުޅުން ރަނގަޅުކޮށް އެ ޓީމުން ލީޑުނެގީ މެޗުގެ 60 ވަނަ މިނިޓްގަ އެވެ.
މި ލަނޑަކީ އަލީ ފާސިރު ޖައްސާލި ބޯޅައަކުން ކެޕްޓަން އަލީ އަޝްފާގް ކާމިޔާބު ކޮށްދިން ގޯލެކެވެ. މިއީ މި ސީޒަނުގައި އަޝްފާގު ކާމިޔާބު ކުރި ފަސްވަނަ ލަނޑެވެ. ވެލެންސިއާ އިން ލީޑުނެގުމާ އެކު ޓީސީން ކުރިއަށް ޖެހިގެން ފުރުސަތުތައް ތަނަވަސްކުރަން މަސައްކަތް ފެށި އެވެ. ނަތިޖާގެ ގޮތުން ޕެނަލްޓީ އަކުން ޓީސީން ނަތީޖާ ހަމަހަމަކުރި އެވެ. އޭރިއާ ތެރެއިން ވެލެންސިއާގެ އަކުރަމް އަބްދުލް ގަނީ (އަކޫ) ޓީސީގެ މެލްކަމް އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އަކުން އައްޒާމް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މިއީ މި ސީޒަނުގައި ވެލެންސިއާ ކޮޅަށް ވަން ފުރަތަމަ ގޯލެވެ.

މި މެޗުން މޮޅުވެގެން އެއް ވަނައިގައި ފަސް ޕޮއިންޓަށް ލީޑުފުޅާކުރުމުގެ ފުރުސަތު ވެލެންސިއާ އަށް އޮތެވެ. އެކަމަކު އެއްވަރުވުމުން އެ ޓީމަށް ލީޑުފުޅާކުރެވުނީ ތިން ޕޮއިންޓަށެވެ. އެއީ ފަސް މެޗުން 11 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އަށް ހަތަރު މެޗުން އަށް ޕޮއިންޓް ލިބިފައިވާއިރު، މިއަދު ހަވީރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން މޮޅުވެގެން މާޒިޔާ އަށް އެއް ވަނަ އަށް އެރޭނެ އެވެ. އެއީ ޕޮއިންޓުގެ ގޮތުން ވެލެންސިއާއާ އެއްވަރުކޮށް ލަނޑުގެ ތަފާތުން ކުރި ހޯދައިގެންނެވެ.
ޓީސީ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވި ނަމަވެސް ދެން ކުޅުނު ހަތަރު މެޗުން ޓީސީން މި ވަނީ ހަ ޕޮއިންޓް ހަމަކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ