ޚާލިދާ ޒިޔާގެ ޖަނާޒާއަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި ޙައިދަރު

ޚާލިދާ ޒިޔާގެ ޖަނާޒާއަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި ޙައިދަރު

Author
އައިޝަތު އަޙްމަދު
31 ޑިސެމްބަރ 2025 01:56
0

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ބޭގަމް ޚާލިދާ ޒިޔާ ރަސްމީ އިއްޒަތުގައި ފަސްދާނުލުމަށް ބާއްވާ ޖަނާޒާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން މިނިސްޓަރ އޮފް ހައިޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ. ޢަލީ ޙައިދަރު އަޙްމަދު ބައިވެރިވެވަޑައިގަންނަވާނެއެވެ. ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ރައީސް މުޢިއްޒު ވަނީ އެމަނިކުފާނުގެ ރަސްމީ މީޑިއާ އެކައުންޓްތަކުން ބަންގްލަދޭޝްގެ ރައްޔިތުންނަށާއި މަރުޙޫމާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ.

ޑރ. ޢަލީ ޙައިދަރު ބަންގްލަދޭޝްއަށް ކުރައްވާ މި ދަތުރުފުޅުގައި އެ ގައުމުގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރ ޑރ. މުޙައްމަދު ޔޫނުސާއާ ބައްދަލުކުރައްވާނެކަމަށާއި، މަރުޙޫމާގެ އާއިލާގެ މެންބަރުންނާވެސް ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާގާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ތައުޒިޔާ ދަންނަވާނެކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ ލީޑަރު ޚާލިދާ ޒިޔާ އަވަހާރަވީ ޑާކާގެ އެވަރކެއާ ހޮސްޕިޓަލުގައި ފުއްޕާމޭގެ އިންފެކްޝަނަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް އަންގާރަ ދުވަހުގެ ފަތިހުގައި، އުމުރުފުޅުން 80 އަހަރުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.