ފްލެޓާއި ގޯޗަަށް އެޕްލައި ކުރުމަށް އަންނަ މަހުގެ 15 ގައި ހުޅުވާލަނީ

ފްލެޓާއި ގޯޗަަށް އެޕްލައި ކުރުމަށް އަންނަ މަހުގެ 15 ގައި ހުޅުވާލަނީ

Author
އަހުމަދު
29 ޑިސެމްބަރ 2025 11:36
0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓާއި ގޯތި ދޫކުރުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހު ހުޅުވާލުމަށް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ނިންމައިފިއެވެ. މި ފުރުސަތަށް ކުރިމަތިލެވޭނީ އަންނަ އެޕްރީލް 14 ގެ ނިޔަލަށެވެ.

މިނިސްޓްރީން މިރޭ ސަރުކާރުގެ ގެޒެޓްގައި އިއުލާން ކުރި ގޮތުގައި، މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ https://hiyaavehi.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ. މާލެ ސަރަހައްދުންނާއި ރަސްމާލެއިން ދޫކުރާނީ ޖުމްލަ 7،900 ފްލެޓާއި 1،250 އަކަފޫޓުގެ 15،000 ގޯތެވެ.

ފްލެޓުތައް ދިނުމުގައި 15 ކެޓަގަރީއެއް ކަނޑައަޅައިފައިވާއިރު، މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް 1،500 ފްލެޓު ކަނޑައަޅައިފައިވެއެވެ. އެ ކެޓަގަރީތަކުގެ ތެރޭގައި އެކަނިވެރި މައިންނާއި ބަފައިން، ނުކުޅެދުންތެރިން، ޒުވާނުން، ޓެކްސީ ޑްރައިވަރުން، ފަތުރުވެރިކަމުގެ ސިނާއަތުގެ މުވައްޒަފުން، މަސްވެރިން، ފުލުހުން، އެމްއެންޑީއެފް، ސިވިލް ސާވިސް މުވައްޒަފުންނާއި ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުން ހިމެނެއެވެ. މީގެ އިތުރުން ވެށިފަހި ހިޔާ މަޝްރޫއުގެ ފްލެޓު ހަވާލު ނުވި ފަރާތްތަކަށް 500 ފްލެޓު ހަމަޖައްސައިފައިވެއެވެ.

ގޯތި ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 10،000 ގޯތި އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް 3،000 ގޯތި ދިނުމަށް ހަމަޖެހިފައިވެއެވެ. މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމްވި ފަރާތްތަކަށް 500 ގޯތި އަދި ހަނިގޯޅިތަކުގައި ހުންނަ ގޯތިތައް ބަދަލުކުރާ ފަރާތްތަކަށް 1،500 ގޯތި ކަނޑައަޅައިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.