ޗައިނާއިން ރާއްޖެއަށް 1.3 ބިލިއަން ރުފިޔާގެ ހިލޭ އެހީ ދީފި

ޗައިނާއިން ރާއްޖެއަށް 1.3 ބިލިއަން ރުފިޔާގެ ހިލޭ އެހީ ދީފި

Author
މުޙައްމަދު ޝަޒައިމް
25 ޑިސެމްބަރ 2025 03:39
0

ދިވެހިރާއްޖޭގެ ތަރައްގީއަށް ބޭނުންވާ މުހިއްމު މަޝްރޫއުތަކަށް އެހީތެރިވުމުގެ ގޮތުން ޗައިނާ ސަރުކާރުން 600 މިލިއަން ރެންމިންބިން (1.3 ބިލިއަން ރުފިޔާ) ގެ ހިލޭ އެހީ ފޯރުކޮށްދިނުމަށް ނިންމައި، އެކަމާ ގުޅޭ ގޮތުން މިއަދު ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު އެއްބަސްވުމަކުން ސޮއިކޮށްފިއެވެ.

ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓަރު ޑރ. އިބްރާހީމް ޚަލީލާއި، ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކޮންގ ޝިއަންހުއާ އިސްވެ މި އެއްބަސްވުމުގައި ސޮއިކުރެއްވިއެވެ. ފޮރިން މިނިސްޓަރު ޚަލީލް ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ ވަރަށް މުހިއްމު ބައިވެރިއެއް ކަމަށާއި، އެ ގައުމުގެ އެހީތެރިކަން ރާއްޖެއަށް އަބަދުވެސް ލިބިވަޑައިގަންނަވާ ކަމަށެވެ.

މި އެހީގެ ދަށުން ވިލިމާލޭގައި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް އިމާރާތްކުރުމާއި، މާލެ-ވިލިމާލެ މަގުތައް ތަރައްގީކުރުމާއި، 50 ރަށެއްގެ ކައުންސިލް އިމާރާތްތައް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފައިވެއެވެ. ޗައިނާ ސަފީރު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ޗައިނާގެ ސިޔާސަތު ކަމަށާއި، މިފަދަ މަޝްރޫއުތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީގެ އިސްވެރިންނާއި ޗައިނާ އެމްބަސީގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.