ހޮސްޕިޓަލްތަކުގައި އެހީތެރިޔަކު ނެތި ބަލިމީހުން "ދޫކޮށްލެވިފައި" ތިބޭކަމަށް ބުނާ މައްސަލަ މަޖިލީހަށް

ހޮސްޕިޓަލްތަކުގައި އެހީތެރިޔަކު ނެތި ބަލިމީހުން "ދޫކޮށްލެވިފައި" ތިބޭކަމަށް ބުނާ މައްސަލަ މަޖިލީހަށް

Author
ހުސައިން
24 ޑިސެމްބަރ 2025 12:04
0

ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި އެޑްމިޓްކޮށްފައި ތިބޭ ބައެއް ބަލިމީހުންނަށް ބެލެހެއްޓޭނެ އެއްވެސް މީހަކު ނެތި ދޫކޮށްލެވިފައި ތިބޭކަމަށް ބުނާ މައްސަލައިގައި ކަމާ ބެހޭ ފަރާތްތައް މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެދިވަޑައިގެންފިއެވެ.

މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި ކުޑޫ ވިދާޅުވީ ދިވެހިންނާއި ބިދޭސީންގެ ތެރެއިން ބައެއް ބަލިމީހުންނަށް އެހީތެރިވާނެ ބެލެނިވެރިއަކު ނެތުމުން އެ ޒިންމާ ނަގަން ޖެހެނީ ނަރުހުންނާއި ވޯޑް އެޓެންޑެންޓުންނަށް ކަމަށެވެ. މީގެ ތެރޭގައި ފާހާނާއަށް އެކަނި ނުދެވޭ މީހުންނާއި ކާންދޭން ޖެހޭ މީހުން ވެސް ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ބަލިމީހާ ދޫކޮށްލުމުން ގެޔަށް ގެންދާނެ މީހަކު ނެތިގެން ހޮސްޕިޓަލްގައި ގިނަ ދުވަހު ތިބެން ޖެހުމާއި، ފަރުވާއާ ގުޅޭ ނިންމުންތައް ނިންމާނެ އާއިލީ މީހަކު ނެތުމުން ފަރުވާ ލަސްވާ މައްސަލަ ވެސް ކުޑޫ ފާހަގަކުރެއްވިއެވެ. އަދި ބިދޭސީ ބަލިމީހުންނަށް ހެލްތު އިންޝުއަރެންސް ނެތުމުގެ ސަބަބުން ފުރާނަ ސަލާމަތް ކުރުމުގެ ފަރުވާ ލަސްވާ ކަން ވެސް ފާހަގަކުރެއްވިއެވެ.

ކުޑޫ އެދިވަޑައިގެންނެވީ ޖެންޑާ މިނިސްޓްރީ އާއި ހޯމް މިނިސްޓްރީގެ ކަމާ ބެހޭ ބޭފުޅުން މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.