މިވަގުތު ވާނުވާ ބަންދުގައި ތިބި މީހުންގެ ބެކްލޮގް ކުރިއަށް އޮތް ދޮޅު އަހަރުގެ ތެރޭގައި ހައްލުކުރެވޭނެ ކަމަށް ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ ދައުރުގެ ތެރޭގައި ވާނުވާގެ މައްސަލަ އެއްކޮށް ހައްލުކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ވާނުވާ ބަންދުގައި މިހާރު ތިބީ މީހުން މެރުމާއި ބޮޑެތި ޑްރަގު ޑީލްކުރުމުގެ މައްސަލަތަކުގައި ހިމެނޭ މީހުންނާއި، މާރާމާރީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މުޖުތަމައަށް ގެއްލުންވާގޮތަށް ހިންގި މީހުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ތިބި މީހުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީހަކު ޓެގް އެޅުވުމަށް ރިވިއު ކުރުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ލަފާއާއެކު، ފުލުހުންގެ އިންޓެލިޖެންސާއި ތަހުގީގުން ބޭނުންވާ މައުލޫމާތުތަކާއެކު މަސައްކަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލަ މިހާ ހިސާބަށް އައި އެންމެ ބޮޑު ސަބަބަކީ ކުރީގެ ކްރިމިނަލް ކޯޓުގެ އިންފްރާސްޓްރަކްޗާގެ ދަތިކަމާއި މައްސަލަތައް ނުބެލި ދިގުލައިގެން ގޮސްފައި އޮތުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، މި ސަރުކާރު ހަވާލުވިއިރު ވާނުވާ ބަންދުގައި ތިބި ގިނަ މީހުންގެ ޝަރީއަތްތައް ނިމި ހުކުމް ކުރެވި މައްސަލަތައް ކުރިއަށް ދާން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ކްރިމިނަލް ކޯޓުގެ އާ އިމާރާތެއް އަޅައި ނިންމާނެ ކަމަށާއި، ކޯޓުގެ ސްޕޭސްއާ ގުޅޭ މައްސަލަތައް ހައްލުވެ މައްސަލަ ހިންގާ ޕްރޮސެސް ވަރަށް ފަސޭހަކަމާއެކު ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް މިނިސްޓަރު އިޙްސާން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ