އއ. އުކުޅަހުން ގެއްލިގެން ހޯދަމުން އަންނަ ރަޝިއާގެ ޓޫރިސްޓަކު އަދިވެސް ނުފެނޭ ކަމަށާއި ބޮޑަށް ބެލެވެނީ މޫދަށް ގެއްލުނީ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ. އެ ރަށުގެ ގެސްޓް ހައުސްއެއް ކަމަށްވާ "ލަ ޕަލްމާ ސްޓޫސް"ގައި ހުރި ފިރިހެނަކު އެންމެ ފަހުން ފެނުނީ މިދިޔަ އަންގާރަ ދުވަހުގެ ހަވީރު ކަމަށް ކައުންސިލުން ބުނެފައިވެ އެވެ. އިއްޔެ ހެނދުނު އެ ރަށުން ފުރާ ގޮތަށް ހަމަޖެހިފައިވި ނަމަވެސް އޭނާގެ މޮބައިލް ފޯނާއި އެހެނިހެން ހުރިހާ ސާމާނެއް ގެސްޓްހައުސްގައި އޭނާ ހުރި ކޮޓަރީގައި ހުރި ކަމަށް ވެސް ވެ އެވެ.
އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ. ބޮޑަށް ބެލެވެނީ މޫދަށް ގެއްލުނީ ކަމަށާއި ނަމަވެސް އެކަން ޔަގީން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބީޗުން އަދި މޫދު ކައިރިން އެ ޓޫރިސްޓު ގެންގުޅުނު ކަމަށް ބެލެވޭ މޫދަށް އެރޭ ތުވާއްޔާއި އެހެން ބައެއް އެއްޗެހި ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ކައުންސިލްގެ ރައީސް ލަފާކުރައްވާ ގޮތުގައި ޓޫރިސްޓު ގެއްލުނީ އަންގާރަ ނުވަތަ ބުދަ ދުވަހުގެ ތެރޭގަ އެވެ. އެ ދެ ދުވަހު އެ ސަރަހައްދުގެ މޫސުން ރަނގަޅުވެފައި ހުރި ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
ފުލުހުން ވެސް އަންނަނީ އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެ ޓޫރިސްޓާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ލަ ޕާމަ ސްޓޫޓްސްގެ ނަންބަރު 9646363 އަށް ނުވަތަ އުކުޅަހު ޕޮލިސް ޑެސްކުގެ ނަންބަރު 9553510 އަށް ގުޅުއްވުމަށް ކައުންސިލުން އެދެ އެވެ.
ކޮމެންޓު ފޮނުވާ