ސަރުކާރު ކުންފުނިތަކުގެ ތެރެއިން މިއަހަރުގެ ފުރަތަމަ ތިން މަހުގައި އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެޗްޑީސީއަށް މި މުއްދަތުގައި 432.4 މިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާއިރު، 268.5 މިލިއަން ރުފިޔާގެ ފައިދާ ވަނީ ލިބިފައެވެ. ޕްރޮޕަޓީ ވިއްކައިގެން މަޑުމަޑުން 268.6 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މި ކުއާޓަރުގައި އެޗްޑީސީގެ ހިންގުމުގެ ހަރަދުތައް 208 މިލިއަން ރުފިޔާއަށް ވަނީ ދަށްވެފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ހަރަދުތައް ހުރީ 238 މިލިއަން ރުފިޔާގައެވެ. ފައިސާގެ ގޮތުގައި ބެލެވޭގޮތަށް ހުރި އަދަދާއި ހަރުމުދަލުގެ އަގު އިތުރުވެފައިވާއިރު، ދަރަންޏާއި ލޯނުގެ ގޮތުގައި އަދާކުރަން ހުރި އަދަދު ވަނީ ދަށަށްގޮސްފައެވެ.
އެޗްޑީސީއަށް ރަނގަޅު ނަތީޖާއެއް ލިބުނުނަމަވެސް، ސަރުކާރުގެ 12 ކުންފުންޏަކަށް ފުރަތަމަ ކުއާޓަރުގައި ވަނީ ގެއްލުންވެފައެވެ. ނަމަވެސް ބައެއް ކުންފުނިތަކުގެ ގެއްލުންވި ނިސްބަތް އިތުރުނުވެ ހިފަހައްޓާފައިވާކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ