ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ނޭޝަނަލް ޔުނިވަރސަލް ހެލްތު ކަވަރޭޖް ފޯރަމް މިއަދު ކުރުނބާ މޯލްޑިވްސްގައި ފަށައިފިއެވެ. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އަދި ހެލްތް މިނިސްޓްރީ ގުޅިގެން އިންތިޒާމުކުރި މި ދެދުވަހުގެ ފޯރަމްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ 100 އަށްވުރެ ގިނަ ތަޖްރިބާކާރުން ބައިވެރިވެފައިވެއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސް ޑރ.އަޙްމަދު އަޝްރަފް ވިދާޅުވީ، 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ސަރވިސް ކަވަރޭޖް އިންޑެކްސް މިހާރު ހުރި 70 އިން 80 އަށް ކުރިއެރުވުމަކީ އަމާޒެއްކަމަށެވެ. ރާއްޖޭގެ އުފެއްދުންތެރިކަމުގެ ބޮޑު އިންސައްތައެއް ޞިއްޙީ ޚިދުމަތަށް ހޭދަކުރަމުން އަންނައިރު، ބައެއް ފަރާތްތަކުން އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރަށް ދާންޖެހޭތީ އިންޑެކްސް ކުރިނާރާކަން ޑރ.އަޝްރަފް ފާހަގަކުރެއްވިއެވެ.
މި ފޯރަމްގައި އިންޑިއާ، ބޫޓާން، ސްރީލަންކާ، އިންޑޮނޭޝިއާ އަދި ފިލިޕިންސް ފަދަ ޤައުމުތަކާއި، ޔުނިސެފް، ޔޫއެންޑީޕީ، އެފްއޭއޯ އަދި އައިއޯއެމް ފަދަ ބައިނަލްއަޤުވާމީ އިދާރާތަކުން ބައިވެރިވެއެވެ. މި ފޯރަމްގެ ނަތީޖާއެއްގެ ގޮތުން 2026 އިން 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ޔުނިވަރސަލް ހެލްތު ކަވަރޭޖް ޙާސިލުކުރުމަށް ޚާއްސަ މަގުޗާޓެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ