ވަޒީފާގެ ފުރުސަތު ތަނަސް ކުރުމަށް "ހުނަރު" ޕްރޮގުރާމް އޯޕަންޑޭ ފުވައްމުލަކުގައި މިއަދު

ވަޒީފާގެ ފުރުސަތު ތަނަސް ކުރުމަށް "ހުނަރު" ޕްރޮގުރާމް އޯޕަންޑޭ ފުވައްމުލަކުގައި މިއަދު

Author
މުޙައްމަދު ޝަޒައިމް
09 ޖެނުއަރީ 2021 01:23
0

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީއިން ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގުރާމުގެ އޯޕަންޑޭއެއް މިއަދު ފުވައްމުލަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ.

ހުނަވަރު ޕްރޮގްރާމްއަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރުމަށް އެމްޓީސީސީއިން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. ހުނަވަރު ޕްރޮގްރާމް ގެ މަޤްސަދަކީ ތަމްރީނާއި، ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ހޯދުމެވެ. 2021 ވަނަ އަހަރުގެ ހުނަވަރު ޕްރޮގްރާމް ކުރިޔަށް ގެންދާނީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެނެވެ. ފުރަތަމަ ފިޔަވަހި ކުރިޔަށް ގެންދާނީ އެމްޓީސީސީއިން އުމްރާނީ ތަރައްޤީއާއި އިމާރާތްކުރުމުގެ ދާއިރާގައި ހިންގާ މަޝްރޫޢުތަކަށް ބޭނުންވާ ފަންނުވެރިން ބިނާކުރުމަށެވެ. މިގޮތުން ހުނަވަރުގެ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެމްޓީސީސީގެ މަޝްރޫޢުތަކުގައި ބޭނުންކުރާ ކަނޑާއި އެއްގަމުގައި ދުއްވާ އުޅަނދުފަހަރާއި މެޝިނަރީ އޮޕަރޭޓްކުރުމުގެ ޤާބިލްކަން ލިބިފައިވަ ހުނަރުވެރި މަސައްކަތްތެރިން ބިނާކުރެ ވޭނެއެވެ.

ހުނަރު ޕްރޮގުރާމުގެ މިއަހަރު ފެށުމުގެ ފުރަތަމަ މަރުހަލާ މިއަދު ފުވައްމުލަކުގައި ކުރިއަށްދާއިރު، ފުވައްމުލަކު ސިޓީގައި މިއަދު އޯޕަންޑޭ ކުރިއަށްދާނީ މެންދުރުފަހު 2:00 އިން ހަވީރު 6:00 އަށެވެ. އައްޑޫ ސިޓީގައި އޯޕަންޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 11:00 އިން މެންދުރުފަހު 3:00 އަށް ކަމުގައި އެމްޓީސީސީން ބުނެއެވެ.

މި ޕްރޮގްރާމްގެ ދަށުން ތަމްރީން ދެވޭނީ އެމްޓީސީސީގެ މަޝްރޫޢުތަކުގައި ބޭނުންކުރާ ޓަގް، ބާޖު، ބަސް، ލޮރީ، ބުލްޑޯޒާ، އެކްސްކަވޭޓަރ، ކްރޭން، ލޮރީ، ރޯލާ، ޕޭވަރ، ލޯޑަރ އަދި ގްރޭޑަރު ފަދަ އުޅަނދުފަހަރާއި މެޝިނަރީ ދުއްވާ އޮޕަރޭޓްކުރުމަށެވެ. މިތަމްރީނަށް ހޮވޭ ބައިވެރިންނަށް ކޮންމެ މަހަކު 5000 ރުފިޔާ އެލަވަންސްގެ ގޮތުގައި ލިބޭނެއެވެ. އަދި ތަމްރީން ފުރިހަމަ ކުރާ ފަރާތްތަކުން 1 އަހަރުގެ ބޮންޑެއްގެ ދަށުން އެމްޓީސީސީގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބޭނެއެވެ.

2018 ވަނަ އަހަރު އެމްޓީސީސީއިން އިފްތިތާހުކުރި ހުނަވަރު ޕްރޮގްރާމަކީ ވަޒީފާގެ މާހައުލަށް ބޭނުންވާ މުހިންމު ބައެއް ދާއިރާތަކުން މީހުން ހޯދުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ މަޤްސަދުގައި އެމްޓީސީސީއިން ތަޢާރަފްކުރި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެތެރެއިން ހެވީވެހިކަލް އޮޕަރޭޓްކުރުމާއި، ކަނޑުގައިދުއްވާ އުޅަނދުފަހަރު އޮޕަރޭޓްކުރުމާއި، އިންޖިނިއަރިން، ވެލްޑިން، ޑްރެޖިން އަދި އެންވަޔަރމެންޓަލް ސާވޭއިންގެ ދާއިރާއިން ގިނަ ބައިވެރިންތަކެއް ތަމްރީނުކުރެވިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.