ތަޖުރިބާ ހޯދުމުގެ ނަމުގައި ކާށިދޫ ކައުންސިލުން ކުރި ދަތުރުތަކުގައި މީހުން ނޫޅޭ ފަޅު ރަށްތަކަށް ދިއުމަށާއި، ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތާ ހިލާފަށް ބޮޑު ހަރަދުތައް ކޮށްފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ރިޕޯޓުން ފެންމަތިވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން މި މަހުގެ 1 ގައި އާންމުކޮށްފައިވާ ކާށިދޫ ކައުންސިލްގެ އޮޑިޓު ރިޕޯޓުގައިވާ ގޮތުން، 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ ތެރޭގައި ރަށްރަށުގެ ކައުންސިލްތަކާއި ޕްރޮޖެކްޓްތައް ހިނގަމުންދާ ގޮތް ބަލާ ތަޖުރިބާ ހޯދުމުގެ ނަމުގައި ދެ ދަތުރެއް ކޮށްފައިވެއެވެ. ގދ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރި ފުރަތަމަ ދަތުރުގައި 18 މުވައްޒަފުން ބައިވެރިވެ 170،726 ރުފިޔާ ހަރަދުކޮށްފައިވާއިރު، އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއަށް ކުރި ދެވަނަ ދަތުރުގައި 15 މުވައްޒަފުން ބައިވެރިވެ 153،973 ރުފިޔާ ހަރަދުކޮށްފައިވެއެވެ.
އޮޑިޓު ރިޕޯޓުގައި ފާހަގަކުރި މައިގަނޑު މައްސަލައަކީ މި ދަތުރުތައް ކުރިއިރު ފިނޭންސް މިނިސްޓްރީން ދީފައިވާ އިރުޝާދުތަކަށް އަމަލުކޮށްފައި ނުވުމާއި، ދައުލަތުގެ ހިންގުމުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތާ ހިލާފަށް މި ދަތުރުތައް ކުރިކަމެވެ. އެގޮތުން ގދ. ކަފެނާ އަދި ގދ. ލާބަދޫ ފަދަ މީހުން ނޫޅޭ ދެ ރަށަކަށް ދިއުމަށް 4،400 ރުފިޔާ ހަރަދުކޮށްފައިވާކަން ފާހަގަކުރެވުނެވެ. މި ދަތުރަކީ މުވައްޒަފުންގެ ގުޅުން ބަދަހިކުރުމަށާއި މޯޓިވޭޝަން އިތުރުކުރުމަށް ކުރި ދަތުރެއްކަމަށް ކައުންސިލުން ބުނި ނަމަވެސް، މީހުން ނޫޅޭ ރަށްތަކަށް ކުރި މި ދަތުރަކީ ތަޖުރިބާ ހޯދުމާ ގުޅޭ ހަރަދެއް ނޫންކަމަށް އޮޑިޓުގައި ވަނީ ބުނެފައެވެ. މީގެއިތުރުން އައްޑޫ އަދި ފުވައްމުލަކަށް ކުރި ދަތުރުގައި 28،227 ރުފިޔާ ހަރަދުކޮށްފައިވާކަމަށް ބަޔާންކުރިއިރު، އޮޑިޓަށް ލިބުނީ 14،920 ރުފިޔާގެ ބިލްތަކަށް ވުމުން، ބާކީ 13،307 ރުފިޔާ ހަރަދުކޮށްފައިވަނީ ކޮންކަމަކަށްކަން ވެސް ކަށަވަރުކުރެވިފައި ނުވެއެވެ.
ކޮމެންޓު ފޮނުވާ