ދައުލަތާއި ސަރުކާރުން އެދޭ މިންވަރަށް އަދި ފުލުހުން އަމިއްލައަށް ގަބޫލުކުރާ ފެންވަރަށްވެސް ފުލުހުންގެ މަސައްކަތްތައް ކުރިއަށް ނުދާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މަސައްކަތް ހަރުދަނާކުރުމަށް ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ފެށި "ލޯކަލް ޕޮލިސިން ކޮންފަރެންސް" ހުޅުވައިދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކުށުގެ މާހައުލު ބަދލުވެ، ރައްޔިތުންގެ އުންމީދުތައް މާބޮޑަށް ކުރިއަރައިގެން ގޮސްފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރުން ކަނޑައަޅާ ސްޓްރެޓެޖިކް ޕޮލިސިން ލަނޑުދަނޑިތަކާ އެއްހަމައެއްގައި ފުލުހުންނަށް މަސައްކަތް ނުކުރެވޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ނަތީޖާ ނެރެދިނުމަށް ނުކުޅެދޭނަމަ ފުލުހުންގެ ހިދުމަތުގައި ދެމިނުތިބެވޭނެކަމުގެ އިންޒާރު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އިދާރީ މަސައްކަތް މަދުކޮށް މަގުމަތީ ފުލުހުން އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި ތަހުގީގުތައް އަވަސްކޮށް ރައްޔިތުންނަށް ރައްކާތެރިކަމުގެ އިހުސާސް ކޮށްދޭން ޖެހޭކަމަށްވެސް ވިދާޅުވިއެވެ.
މި މަހާސިންތާގައި މުޅި މުއައްސަސާ ތަމްސީލުވާގޮތަށް 170 ބައިވެރިން ހިމެނޭއިރު، ފުލުހުންގެ ހިދުމަތް ރަނގަޅުކުރުމުގެ ޕްލޭނެއް އެކުލަވާލުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެއެވެ.
ކޮމެންޓު ފޮނުވާ