ސްރީ ލަންކާއިން 190 އަށްވުރެ ގިނަ މީހުންގެ ފުރާނަ ދުއްވާލުމަށް ފަހު ބާރުގަދަ ތޫފާން ދިތުވާ މިއަދު ހެނދުނު އިންޑިޔާގެ ތަމިލް ނާޑޫގެ އައްސޭރިފަށަށް އަރައި، އެ ސަރަޙައްދުން ތިން މީހުން މަރުވެއްޖެއެވެ.
ތަމިލް ނާޑޫގެ އާމްދަނީއާއި ކާރިސާތަކާ ބެހޭ ވަޒީރު ރާމްޗަންދްރަން ވިދާޅުވި ގޮތުގައި، މަރުވި ތިން މީހުންގެ ތެރެއިން ދެ މީހުން މަރުވީ ތަންޖާވުރާއި ތޫތުކުޑީގައި ފުރާޅު ވެއްޓިގެންނެވެ. އަނެއް މީހާ މަރުވީ މައިލާދުތުރައީގައި ކަރަންޓުގައި ޖެހިގެންނެވެ. މީގެ އިތުރުން 149 ނައަމްސޫފި މަރުވެ، 57,000 ހެކްޓަރުގެ ދަނޑުބިމަށް ގެއްލުން ލިބިފައިވެއެވެ.
ބޯ ވާރެއާއި ބާރު ވައިގެ ސަބަބުން ގެދޮރުގައި ފެންބޮޑުވެ، 2,300 އަށްވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވެއެވެ. ތޫފާނުގެ އަސަރު ޕުދުޗެރީއާއި އަންދްރަ ޕްރަދޭޝްގެ ދެކުނު ސަރަޙައްދުތަކަށް ވެސް ކުރަމުންދާއިރު، ޗެންނައިގައި އޮރެންޖު ސަމާލު އިޢުލާނުކޮށް، އައްސޭރިފަށުގެ ރައްޔިތުންނަށް ރައްކާތެރިވުމަށް އިންޑިޔާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ