މާދަމާގެ ޖަލްސާއަށް މިނިސްޓަރ ޒަހާ ހާޒިރު ކުރަނީ

މާދަމާގެ ޖަލްސާއަށް މިނިސްޓަރ ޒަހާ ހާޒިރު ކުރަނީ

Author
މުޙައްމަދު ޝަޒައިމް
11 އޮކްޓޯބަރ 2020 02:10
0

ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތު ތަންފީޒު ނުކުރެވޭތީ ފިޝަރީޒް މިނިސްޓަރ ޒަހާއާއި މާދަމާގެ ޖަލްސާއަށް ހާޒިރުކުރުމަށް ހަމަޖެހިއްޖެއެވެ.

މަޖިލީހުގެ ޖަލްސާއަށް މިނިސްޓަރ ޒަހާ ހާޒިރުކުރުމަށް ހުށަހަޅުއްވާފައިވަނީ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުއެވެ. ޖާބިރުވަނީ މިނިސްޓަރ ޒަހާއާއި މަސްވެރިކަމާއި ގުޅުންހުރި ގިނަ ކަންތައްތަކެއް އޮޅުންފިލުވުމަށް ސުވާލުކުރެއްވުމަށް ހިމަނާފައެވެ.

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދުއާ ކުރައްވާ ސުވާލަކީ ދިވެހި ސަރުކާރުން ޗައިނާއާ ދެމެދު ހަދާފައިވާ ފްރީ ޓްރޭޑް އެގްރިމެންޓުގެ ދަށުން، ދިވެހި މަސްވެރިންނަށް ލިބެންޖެހޭ މަންފާތައް ހިފަހައްޓައި، މަސްވެރިކަމުގެ ދޮރުތައް ބަންދުކޮށް، މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދައި މަސްވެރިން މަގުމަތިކޮށް ނިކަމެތި ކުރަމުންދާއިރު، ވަޒީރު އަތްއުރާލައްވައިގެން އިންނަވައި ދިވެހި މަސްވެރިންނަށް އިތުރުފުޅު ހައްދަވައި، ވެފައިވާ ވައުދުތައް ނުފުއްދަވަނީ ކީއްވެގެންތޯ؟ އެވެ.

މިނިސްޓަރ ޒަހާ މަޖިލީހަށް މާދަމާ ހާޒިރުކުރާއިރު މަޖިލީހުގެ ރައީސްއާއި ބައެއް މެމްބަރުންގެ ފާޑިކުޔުން އެކި ފަހަރުމަތީން މިނިސްޓަރ ޒަހާއަށް ވަނީ އަމާޒުވެފައެވެ. އެގޮތުން މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދު ނަހަދާތީ މިނިސްޓަރ ޒަހާ ޤާނޫނީ ޒިންމާ އަދާނުކުރައްވާކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ ޤަވާއިދު ކޮމިޓީން އެކުލަވާލާފައިވާ ރިޕޯޓް ލިބިވަޑައިގެންފައިވާކަމަށެވެ. މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ފިޝަރީޒް މިނިސްޓްރީން ހަދަންޖެހޭ ޤަވާއިދުތައް ހަދާފައި ނުވާތީ މަޖިލީހުގެ ޤަވާއިދު ކޮމިޓީން ބެލި މައްސަލައިގަ ކޮމިޓީންވަނީ ޤަވާއިދު ހެދުމަށް މިނިސްޓަރ ކިބައިން ތަކުރާރުކޮށް އެދިވަޑައިގެންފައިކަމަށެވެ.

މިމައްސަލާގައި މަޖިލީހުގެ ރައީސް ވަނީ ޤާނޫނީ ގޮތުން ވަޒީރު އަދާކުރައްވަންޖެހޭ ޒިންމާ އަދާ ނުކުރައްވާތީ ވަޒީރާއިމެދު އަމަލުކުރައްވާނެ ގޮތެއް އެނގޭނީ މަޖިލީހުގެ މެމްބަރުންނަށް ކަމުގައި ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.