ޑިމޮކްރަސީއާއިއެކު، އައި ބަދަލުތަކުން ކުރެވެނީ ހިތި ތަޖުރިބާތަކެއް: ސައުދުﷲ

ޑިމޮކްރަސީއާއިއެކު، އައި ބަދަލުތަކުން ކުރެވެނީ ހިތި ތަޖުރިބާތަކެއް: ސައުދުﷲ

Author
މުޙައްމަދު ޝަޒައިމް
09 ޖެނުއަރީ 2021 09:29
0

ރާއްޖެއަށް ޑިމޮކްރަސީ ތަޢާރަފްކޮށް، ޑިމޮކްރަސީއާއިއެކު އަންނާނެކަމަށް އުންމީދު ކުރި ބަދަލުތަކުން މިހާތަނަށް ތަޖުރިބާ ކުރެވެމުންދަނީ ވަރަށް ހިތްދަތި ތަޖުރިބާތަކެއް ކަމުގައި ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާއިން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން މެމްބަރު ސައުދު ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަޓިކް ހަމަތަކުން ކަންކަން ބަދަލުކޮށް 2007 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖެ ތަޖުރިބާ ކޮށްފައިވާ ކަންކަމަކީ ވަރަށް ހިތްދަތި ތަޖުރިބާތަކެއް ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ނިޒާމު ތަޢާރަފްވެ، މުޅި ޤައުމު ސިޔާސީ ބައިބައިވުމެއްގެ ތެރޭގައި މިއަދާއި ހަމައަށްވެސް އޮތް އިރު، އާއިލާގެ މީހުންނާއި، ގާތްތިމާގެ މީހުންވެސް ގުޅުން ކެޑި، ރާއްޖޭގައި ޒަމާނުއްސުރެއް އޮތް އެކުވެރި އަހުވަންތަ ގުޅުން ނެތި ގޮސްފައިވާކަމަށެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ރާއްޖޭގެ ރައްޔިތުން އުޅެމުން ގޮސްފައިވަނީ ވަރަށްވެސް ހަމަޖެހިގެން، އެއްބައިވަންތަކަމާއި އެކުގައިކަން ފާހަގަކުރައްވަމުން ސައުދު ވިދާޅުވީ މިއަދު ސަރުކާރުގެ ވެރިޔަކަށް، ވަޒީފާ އަދާކުރާ ތަނުގެ ވެރިއަކަށް، ދައުލަތުގެ ޚިދުމަތްތެރިއަކަށް އިޚުތިރާމް ކުރާ ތަނެއް ނުފެންނަ ކަމަށެވެ. އެއްބަޔަކު އަނެއް ބަޔަކަށް ޒުވާބު ކުރުމާއި، މާލާމާތް ކުރުމާއި، ދެބައުޑުވުން ފަދަ ނޭދެވޭ އެންމެހައި ކަންކަން ޑީމޮކްރަސީއާއިއެކު ތަޢާރަފްވެ ވަރަށް ހިތިި ތަޖުރިބާތަކެއް ދިވެހިން ކުރަމުންދާކަމަށް ސައުދު ވިދާޅުވިއެވެ.

ބައެއް ފަހަރު އެކަނިވެލާފަ ވިސްނާލީމަ ހިތަށް އަރާ، ރާއްޖެއަށް މި ޑިމޮކްރަސީ ނައިނަމަ ކިހާ ރަނގަޅުހޭ. މިއަދު ބައްލަވާ ކާކަށް ކާކުތޯ އިޚުތިރާމު ކުރަނީ، މިއަދު މިގެނައި ޑިކޮމްރަސީއާއިއެކު މީގެ ކުރިން އަވަހަށް ލިބެމުންދިޔަ ޚިދުމަތްތައް ވީލަސް. މިހާރު ގުޅާ ގުޅާ ފޯނު ނުނަގައިގެން ހަފްތާއެއްވެސް އެބަވޭ ޖަވާބެއް ހޯދަން. ސިޔާސީ ގޮތުން ބާރުވެރި ނުވާނަމަ ކަންކަން ނުވާތަން މިއަދު މިއަދު މިވަނީ ދިމާވެފަ.

– ސައުދުﷲ ވިދާޅުވިއެވެ.

ސައުދުﷲ ވިދާޅުވީ އޭނާއަކީ ސިޔާސީ ގޮތުން ޚިޔާލު ތަފާތުވިޔަސް ޒާތީ ގޮތުން މީހުންނާއި ދިމާކޮށް މީހުންގެ އަބުރަށް އަރައިގަނެ އެކަކު އަނެކަކަށް އަނިޔާދީ ހިތްވަރު ދިނުމަށް ތާއީދު ކުރައްވާނެ މީހެއް ނޫންކަމަށެވެ. އެއީ ޑިމޮކްރަސީވެސް ދަންނަ ކަމެއް ނޫންކަމަށާއި، ނަމަވެސް ރާއްޖެއިން ފެންނަމުންދަނީ އެމަޒަރުކަމަށް ހިތާމަޔާއިއެކު ސައުދު ވަނީ ފާހަގަކުރައްވާފައެވެ.

ސައުދަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަން ފުރުއްވި އިރުގައިވެސް އޭރު މަޖިލީހުގައި އެންމެ ހަލަބޮލިވެގެން ދިޔަ ހާލަތްތަކުގައިވެސް މަޖިލީހުން ފެނިގެންދިޔަ އެންމެ މަޑުމައިތިރި އެެއް މެމްބަރެވެ. ނަމަވެސް ސައުދަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް މަޖިލީހުން ނޫނެކޭބުނި 12 މެމްބަރުންގެ ތެރޭގައި ހިމެނޭ މެމްބަރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނާއްޓެ
ސައުދާކޮޔާ ދެންތިވާހަކަ ދެއްކުމުގެ އެއްވެސް ބޭނުމެއްނެތް ސޯލިހުގެ ސަރުކާރަށް އޯކޭވެގެން އޯކޭ ސެންޓު ޖަހާގެން ރޮނޑަށް ދަތްދީގެން ތިބޭ