ވިލިމާލޭގެ ދުވަސްވީ ދެ ނިކަގަސް ކަނޑާލަން ނިންމުމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ގަސްތައް ކަނޑާ ނުލުމަށް ގޮވާލައްވައިފި އެވެ. މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވިލިމާލެ ރައްޔިތުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވި ޖަލްސާއެއްގައި އެ ދެ ގަސް ކަނޑާލަން އަތް އުފުލައިގެން ނިންމުމާ ގުޅިގެން ވަނީ ތިމާވެއްޓަށް ލޯބިކުރާ ފަރާތްތަކާއި ވިލިމާލެ ރައްޔިތުންގެ ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ނަޝީދު މިރޭ ސޯޝަލް މީޑިއާގައި ވިދާޅުވީ އެ ގަސްތަކުގެ ތާރީހު ގޮސް ގުޅެނީ ޝަމްސުއްދީނު ރަދުންގެ ޒަމާނަށް ކަމަށާއި، ވިލިނގިލި ޖަލު ހުރި ދުވަސްވަރު ސިޔާސީ ކުށްވެރިން ބުރަ މަސައްކަތް ކުރުވައި މެންދުރު މަޑުޖެހިލަން ބައިތިއްބާފައި ތިބި ތަން އެއީ ކަމަށެވެ. "100 އަހަރަށް ދާ ތާރީހެއް! މި ގަސް ކަނޑާ ނުލައްވާ!" ނަޝީދު ވިދާޅުވި އެވެ.
އެ ގަސްތައް ކަނޑާލަން ބައެއް ރައްޔިތުން އެދުނީ އެ ސަރަހައްދުގައި އުޅޭ ގޭގެތަކަށް ނިކަގަހުގެ މޫތައް ވަދެ ފާހާނާ ހޮޅިތަކާއި އިމާރާތްތަކަށް ގެއްލުންވާތީ އެވެ.
ކޮމެންޓު ފޮނުވާ