ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ކްރިމިނަލް ކޯޓު ސަރަހައްދުގައި އެމަނިކުފާނުގެ ސަޕޯޓަރުން އިއްޔެ ކުރި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ތެރެއިން 5 މީހަކު ޖަލުގައި ބަންދުކޮށް ލާއިންސާނީ އަނިޔާދީފައިވާތީ މިމައްސަލަ ތަޙްޤީޤު ކުރުމަށް ކަމާއިބެހޭ އިދާރާތަކަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.
ސުލްޙަވެރި އިޙްތިޖާޖުގެ ތެރެއިން އިއްޔެ ހައްޔަރުކ ފަރާތްކާމެދު އިންސާނީ ޙައްޤުތަކާ ޚިލާފަށް ޢަމަލުކޮށްފައިވާތީ އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް އެކަން ތަޙުޤީގު ކުރުމަށް ގޮވާލައި އިދިކޮޅުން ނެރެނު ބަޔާނުގައި ބުނެފައިވަނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޝަރީޢަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ވަގުތު އެމަނިކުފާނު ދެކިލުމަށް ދިޔަ އެމަނިކުފާނުގެ ބައެއް ސަޕޯޓަރުންގެ ތެރެއިން ފުލުހުން ހައްޔަރު ކުރި ފަރާތްތަކާމެދު އިންސާނީ ޙައްޤުތަކާޚިލާފަށް ޢަމަލުކޮށްފައިވާތީ އެކަން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމަށެވެ.
ފުލުހުން ހައްޔަރުކޮށް މިއަދު ދޫކޮށްލި 3 ކަނބަލުންނާމެދު ވަރަށް އިހާނެތިކޮށް ޢަމަލުކޮށްފައިވާ ކަމަށް މަޢުލޫމާތު ދީފައިވާއިރު، އެތައް އިރެއް ވަންދެން ކާންނުދީ ބޭތިއްބުމާއި ނަމާދުކުރެވޭނެ ގޮތްވެސް ފަހިކޮށްދީފައި ނުވާ ކަމަށް އެމީހުން ބުނެފައިވާކަމަށެވެ. އަދި ބައިތިއްބާފަިއވަނީވެސް އިންސާނުން ބައިތިއްބަން ހެޔޮނުވާވަރުގެ ތަނެއްގައި ކަމަށް މިބަޔާނުގައި ވެއެވެ. ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ޢުމުރުން ދުވަސްވީ މީހަކުވެސް ހިމެނޭއިރު އެމީހާއާއި މެދުވެސް ވަރަށް އިހާނެތިކޮށް ކަންތައްކޮށްފައިވާކަމަށް އިދިކޮޅުން ބުނެފައިވެއެވެ
ފުލުހުންނަކީ ރައްޔިތުން ރައްކާތެރިކޮށް ރައްޔިތުންނަށް ޚިދްމަތްކުރުމަށް ހުވައެއް ކޮށްގެން ތިބޭ ބަޔަކަށް ވީހިނދު ރައްޔިތުންނާ ފުލުހުންނާ ދެމެދު އޮންނަ ގުޅުމަށް ބުރޫ އަރާގޮތަށް ސިޔާސީ ވަކި މަޤްސަދެއް ޙާޞިލްކުރުމަށްޓަކައި ފުލުހުންގެ އިސްވެރިން ކުރާ ޣައިރުޤާނޫނީ އަމުރުތަކުގެ ސަބަބުން ފުލުހުން އަދާކުރަންޖެހޭ ވާޖިބަށް ހުރަސްއެޅި މުޅި ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓިގެންދިއުމަކީ ހިތާމަކުރާ ކަމެއްކަމަށް މިބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން ފުލުހުން ހައްޔަރުކުރި ކަނބަލުންނާމެދު އިންސާނީ ޙައްޤުތަކާ ޚިލާފަށް ހިންގާފައިވާ މި ދަށުދަރަޖައިގެ ޢަމަލު ތަޙްޤީޤު ކުރުމަށް ކަމާ ބެހޭ މުއައްސަސާ ތަކަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ވަނީ ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ