މިއަހަރުގެ ޖޫން މަހުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށް އާސަންދަ ސްކީމުގެ ދަށުން އައިނު ހައްދަން 47 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.
އެންސްޕާގެ ތަފާސްހިސާބުތައް ދައްކާގޮތުން މި ފަސް މަހުގެ ތެރޭގައި ޖުމްލަ 24،499 މީހަކު އާސަންދައިން އައިނު ހައްދާފައިވެއެވެ. މީގެ ތެރެއިން 17،117 މީހަކު އަމިއްލަ ސިއްޙީ ޚިދުމަތްދޭ ތަންތަނުން އައިނު ހައްދާފައިވާއިރު، އެކަމަށް 32.6 މިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ. ދެން 7،382 މީހުން ސަރުކާރު ހޮސްޕިޓަލްތަކުން އައިނު ހައްދާފައިވާއިރު، އެކަމަށް 14.7 މިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ.
މީގެކުރިން އާސަންދައިން ކޮންމެ ދެއަހަރަކުން އައިނު ހެއްދުމަށް ދެމުން އައީ 1000 ރުފިޔާއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ޖޫން މަހުން ފެށިގެން އެ އަދަދު 2000 ރުފިޔާއަށް އިތުރުކުރެއްވުމާއެކު މި ޚަރަދު އިތުރުވެފައިވާކަމަށް ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ