ރާއްޖެއަށް މިއަހަރު މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2 މިލިއަނާ ގާތަށް

ރާއްޖެއަށް މިއަހަރު މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2 މިލިއަނާ ގާތަށް

Author
ހުސައިން
22 ނޮވެމްބަރ 2025 07:37
0

މިއަހަރުގެ މިހާތަނަށް 1.94 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. 2 މިލިއަން ފަތުރުވެރިންގެ ޓާގެޓް ހާސިލްކުރުމަށް ދެން ބޭނުންވަނީ ހަމައެކަނި 50،587 ފަތުރުވެރިންނެވެ.

ވުޒާރާގެ އެންމެފަހުގެ ޓޫރިޒަމް އަޕްޑޭޓު ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރު ފަތުރުވެރިންގެ އަދަދު 9.9 ޕަސެންޓް އިތުރުވެފައިވެއެވެ. މިދިޔަ އަހަރު މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1.77 މިލިއަން ފަތުރުވެރިންނެވެ. މި ނޮވެމްބަރު މަހުގެ ފުރަތަމަ 19 ދުވަހުގެ ތެރޭގައި 122،479 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 11.6 ޕަސެންޓް އިތުރުވުމެކެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާ، ރަޝިއާ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި އިޓަލީވިލާތުންނެވެ. ޗައިނާއިން އެކަނި 305،500 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު ރަޝިއާއިން 245،989 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މި ފަތުރުވެރިންގެ ތެރެއިން 73.7 ޕަސެންޓް ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައި ކަމަށާއި، 21.6 ޕަސެންޓް ގެސްޓުހައުސްތަކުގައި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިހާރު އެވްރެޖްކޮށް ދުވާލަކު 6،446 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަމުންދާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 10 ޕަސެންޓް އިތުރުވުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.