މި އަންނަ ރޯދަ މަހަށް ވަރަށް ބޮޑެތި ތައްޔާރީތަކެއް ވަމުން އަންނަ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ސިމާދް އިބްރާހިމް ވިދާޅުވެއްޖެއެވެ. އަސާސީ ކާބޯތަކެތި ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ގޮތުން ނޯތް ހާބަރު ކައިރީގައި ހޯލްސޭލް ފިހާރައެއް ހުޅުވަން ތައްޔާރުކުރެވިފައިވާ ކަމަށާއި، އިންޑަސްޓްރިއަލް ވިލެޖުގައި ގުދަން ވެސް ތައްޔާރުކުރުވިފައިވާ ކަމަށް ސިމާދް ވިދާޅުވިއެވެ. މީގެ އިތުރުން އެޗްޑީސީއާ ގުޅިގެން ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ފިހާރައެއް ފެބްރުއަރީ ފުރަތަމަ ހަފްތާގައި ހުޅުވިގެން ދާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޕީއެސްއެމް ނިއުސްގެ ހަފްތާ 104 ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ސިމާދް ވިދާޅުވީ، ފާއިތުވި ދެ އަހަރު ދުނިޔޭގެ ވިޔަފާރީގެ ބާޒާރުގައި ވަރަށް ޗެލެންޖިން ދެ އަހަރު ކަމަށާއި، މެދު އިރުމަތީގައި ހިނގަމުންދިޔަ ކަންކަމާ ގުޅިގެން ތެލުގެ ވިޔަފާރިއަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އެންމެ ބޮޑު ކާމިޔާބީއަކީ މި ދަތިތަކާއެކު ވެސް ރައްޔިތުންނަށް އެއްވެސް ގެއްލުމެއް ނުދީ އެންމެ އެކަށީގެންވާ ކުޑަ އަގުތަކެއްގައި ހިދުމަތް ފޯރުކޮށްދެވުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެސްޓީއޯގެ އެންމެ މައިގަނޑު ބޭނުމަކީ ތަކެތީގެ އަގު ކޮންޓްރޯލްކޮށްގެން ހިފެހެއްޓުން ކަމަށާއި، ބާޒާރުން މަދުވާ އަދި އަގު ބޮޑުކުރެވިފައިވާ ތަކެތި އޯޑަރުކޮށްގެން ގެނެސް ރައްޔިތުންނަށް ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސިމާދް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ