ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ދޫކުރި ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައި، ޖުމްލަ 2،319 ގޯތީގެ ރަޖިސްޓްރީ ދޫކޮށްފިއެވެ. ހައުސިން މިނިސްޓްރީން ދާދިފަހުން ހާމަކުރި މި މައުލޫމާތަކީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ދެމުންގެންދާ އިސްކަމުގެ ނަތީޖާއެކެވެ.
މި ސަރުކާރުން ކުރީ ސަރުކާރުން ތައްޔާރުކުރި ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސް، ގިރާވަރުފަޅުން ދޫކުރި 1،347 ގޯތި ގުޅިފަޅަށް ބަދަލުކުރުމާއި، ރަޖިސްޓްރީތައް އުވައިލުމަށްފަހު ޖުލައި މަހު ގޯތި ދޫކުރަން ފެށިއެވެ. ބައެއް ފަރާތްތަކުން މީސްމީޑިޔާގައި ކެމްޕެއިންކޮށް ރަޖިސްޓްރީއާ ހަވާލުނުވާނެ ކަމަށް ބުނި ނަމަވެސް، ސަރުކާރުން ކަނޑައަޅާފައިވާ ފަހު ތާރީޚުގައި ގުޅިފަޅުން ދޫކުރަން ނިންމި 2،438 ގޯތީގެ ތެރެއިން 119 ގޯތި ފިޔަވައި ހުރިހާ ގޯއްޗެއްގެ ރަޖިސްޓްރީ ވަނީ ހަވާލުކުރެވި ނިމިފައެވެ. އަދި 25 މީހަކަށް ވަނީ ގޯތި ވެސް ހަވާލުކުރެވިފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ސަރަހައްދުތައް ހިއްކުމުގެ މަސައްކަތް ހަލުއިކޮށް ކުރިއަށްގެންދެވި، ގޯތި ލިބޭ ފަރާތްތަކަށް އަވަހަށް ބޯހިޔާވަހިކަން ލިބުމުގެ އުންމީދު އާވެފައިވާކަން ސަރުކާރުން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ