ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ޕެސެންޖަރ ޓާމިނަލް، ޓާމިނަލް އެކަކުން ލޯ-ކޯސްޓް ދެ އެއާލައިންކަމަށްވާ އެއާއޭޝިއާ މެލޭޝިޔާ އަދި ތައި އެއާއޭޝިއާއަށް ހިދުމަތް ދޭން ފަށައިފިއެވެ. މިކަން ފާހަގަކުރުމަށް ޓާމިނަލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.
ރަސްމިއްޔާތުގައި ދެ އެއާލައިންގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، ފުރަތަމަ ފްލައިޓްތަކުން ރާއްޖެއަށް އައި ފަސިންޖަރުންނަށް ހަދިޔާ ދީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާ ކިޔުނެވެ. އެއާއޭޝިއާ މެލޭޝިޔާގެ ފުރަތަމަ ފްލައިޓް AK074 އިން 164 ފަސިންޖަރުންނާއި ތައި އެއާއޭޝިއާގެ ފުރަތަމަ ފްލައިޓް FD175 އިން 138 ފަސިންޖަރުން ރާއްޖެ އައިސްފައިވެއެވެ.
އެއާއޭޝިއާ މެލޭޝިއާ އިން ރާއްޖެއަށް ދަތުރުތައް ފެށީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި ކަމަށްވާއިރު، ތައި އެއާއޭޝިއާ އިން ރާއްޖެއަށް ދަތުރުތައް ފެށީ 2017 ވަނަ އަހަރުގެ އޮގަސްޓު މަހުގައެވެ. އެއާއޭޝިއާ ގުރޫޕްގެ މި ދެ އެއާލައިން ޓާމިނަލް އެކަކަށް ބަދަލުވުމާއެކު، އެ ޓާމިނަލުން ހިދުމަތް ލިބޭ އެއާލައިންތަކުގެ އަދަދު 25 އަށް އިތުރުވެފައިވާކަމަށް އެމްއޭސީއެލުން ބުނެއެވެ.
ކޮމެންޓު ފޮނުވާ