ސަރުކާރުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގައި މަސްވެރިންނާއި ޓެކްސީ ޑްރައިވަރުންނަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް ހާމަކޮށްފިއެވެ.
އެކަން ހާމަކޮށްފައިވަނީ ސަރުކާރުން ރޭ އާންމުކުރި ފްލެޓް ދޫކުރުމުގެ އުސޫލުގައެވެ. އެ އުސޫލުގައި ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން 11 ފަރާތަކަށް ހާއްސަ އިސްކަން ދޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން އިސްކަން ލިބޭ ފަރާތްތަކުގެ ތެރޭގައި 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި ބަފައިން، ނުކުޅެދުންތެރިކަން ހުރި ފަރާތްތައް، އަލަތު ކައިވެނިކުރާ ޒުވާން އާއިލާތައް، ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތައް، މާލޭގައި އާއިލާ ބިނާކޮށްފައިވާ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުން، ޝަރުއީ ދާއިރާގެ މުވައްޒަފުން އަދި މަސްވެރިންގެ ދަފްތަރުގައި ހިމެނޭ ފަރާތްތައް ހިމެނެއެވެ.
މީގެ އިތުރުން މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުރުމުން މަހްރޫމްވެފައިވާ ފަރާތްތަކާއި، ވެށިފަހި މާލެއާއި ހިޔާ މަޝްރޫއުގެ ފްލެޓް ލިޔުން ލިބި އަދި ފްލެޓް ލިބިފައިނުވާ ފަރާތްތަކާއި، ދިރިއުޅޭނެ ބޯހިޔާވަހިކަމެއް ނެތި މާލޭގައި ދިރިއުޅޭ ފަގީރު އާއިލާތަކާއި މިނިސްޓްރީން އިއުލާންކުރާ އިދާރާތަކުގެ މުވައްޒަފުންނަށް ވެސް އިސްކަން ލިބޭނެއެވެ.
އުސޫލުގައިވާ ގޮތުން ހާއްސަ އިސްކަންދޭ ކެޓަގަރީއަށް ކަނޑައަޅާފައިވާ ހައުސިން ޔުނިޓްތައް ފިޔަވައި އެހެން ޔުނިޓްތައް ކަނޑައަޅާނީ ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ޕޮއިންޓް ދީގެންނެވެ. ޕޮއިންޓް ދިނުމަށްފަހު ހައުސިން ޔުނިޓްތަކުގެ އަދަދާއި ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ އަދަދަށް ރިއާޔަތްކޮށް ޔުނިޓް އެލޮކޭޝަން ހެދުމަށް ހާއްސަ އުސޫލެއް ކަނޑައަޅާނެ ކަމަށް ވެސް އުސޫލުގައި ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ