އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ދައުވާތައް ސާބިތުވެ ޖަލު ހުކުމް ތަންފީޒުކުރަމުންދާ ބައްސާމް އަދީލް ޖަލީލު، މިއަދު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާ އަޑުއެހުމަށް ހާޒިރުވުމަށް ޖަލުގެ ގޮޅިން ނުކުންނަން ދެކޮޅު ހަދަމުންދާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ. އެހެންނަމަވެސް އޭނާ ގޮޅިން ނިކުންނަން ދެކޮޅު ހަދާފައިވަނީ ކޮން ސަބަބަކާ ހެދި ކަމެއް އަދި ހާމައެއް ނުވެއެވެ.
މިއަދު ހެނދުނު 8:15 އަށް، ބައްސާމްގެ މައްޗަށް އުފުލާފައިވާ ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާގެ އަޑުއެހުން ތާވަލުކޮށްފައި ވީނަމަވެސް، މިހާތަނަށް ވެސް އަޑުއެހުން ފެށޭ ގޮތް ވެފައެއް ނުވެއެވެ. ކްރިމިނަލް ކޯޓާއި ހަވާލަދީ ބައެއް މީޑިއާތަކުން ރިޕޯތު ކޮށްފައިވާ ގޮތުގައި ބައްސާމް ގޮޅިން ނުކުންނަން ދެކޮޅު ހަދަމުންދާތީ އަޑުއެހުން ނުފެށިފައިވާ ކަމަށާއި އޭނާ ގޮޅިން ނެރުމަށް ކަރެކްޝަން ސާވިސްއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަޑުއެހުން އަދި ކެންސަލް ނުކުރާ ކަމަށް ވެސް ކޯޓުން ބުންޏެވެ.
ފީފާއިން އެފްއޭއެމް އަށް ފޮނުވި 1.2 މިލިއަން ޑޮލަރު (18 މިލިއަން ރުފިޔާއަށް ވުރެ ގިނަ) އަށް ހިޔާނާތްތެރިވެ މަނީލޯންޑާކޮށްގެން ޕެންޓްހައުސްއެއް ގަތް ކަމަށް ބުނެ ބައްސާމްގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވެއެވެ. އޭނާއަކީ މިހާރު ވެސް އެފްއޭއެމް ފައިސާއަށް ހިޔާނާތްތެރިވެ މަނީލޯންޑާކުރި ކުށުގައި ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ ފަރާތެކެވެ.
ބައްސާމްގެ ވަކީލުން ވަނީ ފީފާގެ ފައިސާތަކަށް ކުރާ ދައުވާތައް ބެލުމަށް ފީފާގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ބުނެފައެވެ. ނަމަވެސް ގާޒީ ނިންމީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. ބައްސާމް ހުޅުމާލޭގައި ގަތް ކަމަށް ބުނާ ޕެންޓްހައުސް ފުލުހުން މިދިޔަ އަހަރުން ފެށިގެން ވަނީ ހިފަހައްޓައިފައެވެ.
ކޮމެންޓު ފޮނުވާ