ރައީސް މައުމޫނުގެ ވަދާޢީ ތަޤުރީރުން މުޅި ދުނިޔެއަށް ދެއްކެވީ ޑިމޮކްރަސީގެ ނަމޫނާ: ޔުމްނާ

ރައީސް މައުމޫނުގެ ވަދާޢީ ތަޤުރީރުން މުޅި ދުނިޔެއަށް ދެއްކެވީ ޑިމޮކްރަސީގެ ނަމޫނާ: ޔުމްނާ

Author
މުޙައްމަދު ޝަޒައިމް
08 ޖެނުއަރީ 2021 01:49
0

ރައީސް މައުމޫނުގެ ވަދާޢީ ތަޤުރީރުން މުޅި ދުނިޔެއަށް ދެއްކެވީ ޑިމޮކްރަސީގެ ނަމޫނާ ކަމުގައި އެމަނިކުފާނުގެ ދަރިކަނބަލުން އަދި މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެން ހެރިޓޭޖް ޔުމްނާ މަޢުމޫން ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވެފައިވަނީ ދުނިޔޭގެ އެންމެ ވަރުގަދަ ޑިމޮކްރަސީ އޮތް ކަމަށް ގިނަބަޔަކު ދެކޭ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތިޖާ ގަބޫލު ނުކޮށް މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމަނިކުފާނުގެ ސަޕޯޓަރުން ނެރެ ހިންގަމުންދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ބައެއް ބޭފުޅުން ރައީސް މައުމޫގެ 30 އަހަރުގެ ވެރިކަން ނިންމުމަށްފަހު ދެއްކެވި ނަމޫނާއަށް ސެލިއުޓް ހައްގުކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުންދާ ދަނޑިވަޅެއްގައެވެ.

ޔުމްނާ ވަނީ ރައީސް މައުމޫންގެ ވަދާޢީ ތަޤުރީރުގެ ބައެއް ތަންތަންކޮޅު ކުރެއްވި ޕޯސްޓުގައި ހިމަނުއްވާފައެވެ. ރައީސް މައުމޫންގެ ވަދާއީ ތަޤުރީރު ދެއްވާފައިވަނީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގައެވެ.

ރައީސް މައުމޫންގެ ވަދާއީ ތަޤުރީރުގެ މުހިންމު ބައެއް ބައިތައް:

ރައީސް މައުމޫގެ ވަދާއީ ތަޤުރީރުގައި އެމަނިކުފާނުވަނީ 1978 ވަނަ އަހަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ކަމުގެ 6 ދައުރު، ވިދިވިދިގެން، ފުރިހަމަކުރުމަށް ފުރުޞަތު ދެއްވިކަމަށްޓަކައި ދިވެހި ރައްޔިތުންނަށް ވަރަށް އިޚުލާސްތެރިކަމާއިއެކު ޝުކުރު އަދާ ކުރައްވާފައެވެ. އެމަނިކުފާނު ވަނީ30 އަހަރުގެ ވެރިކަމުގައި ދިވެހި ޤައުމަށާއި، ސަރުކާރަށް ޚިދުމަތް ކުރެއްވި އެންމެހާ ބޭފުޅުންނަށާއި، ސަލާމަތީ ބާރަށް ޝުކުރު އަދާކުރައްވާފައެވެ.

އެމަނިކުފާނުގެ ވަދާއީ ތަޤުރީރަށްފަހު ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ފުރަތަމަ ފަހަރަށް ބޭއްވުނު ގިނަ ޕާޓީތައް ވާދަކުރި ރިޔާސީ އިންތިޚާބުން ތާރީޚީ ކާމިޔާބީއެއް ހޯއްދަވައިގެން، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަތިވެރި މަޤާމާ ޙަވާލުވެވަޑައިގަންނަވާ ރައީސް މުހައްމަދު ނަޝީދަށް ވަނީ މަރުހަބާ ދަންނަވައި، ދިވެހި ޤައުމަށް އުފާފާގަތި ދުވަސްތަކަށް އެދިވަޑައިގަންނަވާފައެވެ.

ތިޔައިން ހަމަ ކޮންމެ ބޭފުޅެކޭ އެއްފަދައިން، އަޅުގަނޑުވެސް، އަޅުގަނޑުމެންގެ ޤައުމުގެ މާދަމާގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙަންމަދު ނަޝީދަށް، ހުރިހާވެސް ހެޔޮއެދުމަކާއި ހުރިހާވެސް ތަހުނިޔާއެއް ފޮނުވައި، ހުރިހާވެސް ކާމިޔާބީއަކަށާއި ހުރިހާވެސް ފާގަތިކަމަކަށް އެދެން. ރިޔާސީ އިންތިޚާބުގެ ނަތީޖާ ޤަބޫލުކޮށް، އެކަމަށް އިޙްތިރާމްކޮށް، ކާމިޔާބީ ހޯއްދެވި ފަރާތަށް މަރުޙަބާ ދަންނަވައި، ސަރުކާރާ ޙަވާލުވެވަޑައިގެން ސަރުކާރު ހިންގެވުމުގެ ފުރުޞަތު އެމަނިކުފާނަށް އެރުވުމަކީ، ދީމުޤްރާތީ އުސޫލު ނިޔާކުރާ ގޮތުގެ މަތިން ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއް. ރިޔާސީ އިންތިޚާބުގައި ކާމިޔާބީ ނުލިބުމުން، ދެރަވުމަށްވުރެ ބޮޑަށް އިސްކުރަންޖެހޭނީ، ޤައުމަށްޓަކައި އޮތް ލޯބި. ޤައުމުގެ ޑިމޮކްރަސީއަށް ކުރާ އިޙްތިރާމް.

– ރައީސް މައުމޫން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޙައިޘިއްޔަތުން ނިންމި ކޮންމެ ނިންމުމެއް ނިންމާފައިވާނީ، ސޮއިކުރި ކޮންމެ ލިޔުމެއް ސޮއިކޮށްފައިވާނީ، ތަޞްދީޤު ކުރި ކޮންމެ ޤާނޫނެއް ތަޞްދީޤު ކޮށްފައިވާނީ، ތަޢާރުފުކުރި ކޮންމެ ސިޔާސަތެއް ތަޢާރުފު ކޮށްފައިވާނީ، ދެމެހެއްޓެނިވި ގޮތެއްގައި ޤައުމު ބިނާކުރަމުން ގެންދިޔުމުގެ ވިސްނުމުގައި ކަމަށެވެ. އަދި ޤައުމުގެ އެންމެމަތީ މަޞްލަޙަތުތައް ޙިމާޔަތްވެ އޮތުމުގެ ވިސްނުމުގައި، ޤައުމުގެ ކުރިމަގު އުންމީދީ ކުރުމުގެ ވިސްނުމުގައި ކަމަށެވެ. އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމުގެ ވިސްނުމުގައިކަމުގައެވެ.

ރައީސް މައުމޫންގެ ވެރިކަމަށްފަހު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދަށް ވެރިކަމުގެ ބާރުތައް ދޫކުރުމުގައާއި، ވެރިކަން ބަދަލު ކުރުމަށް ދެއްވި އެއްބާރުލުމަކީ ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ނަމޫނާ ލިބިގަންންޖެހޭ ކަމެއްކަމަށް ރާއްޖޭގެ ސިޔާސީ ބައެއް ބޭފުޅުންވެސް ދަނީ ވިދާޅުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.